ސަރުކާރުގެގެ އަމާޒަކީ ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުސަތު ހޯދައިދިނުން ކަމުގައި ނައިބު ރައީސް، ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް، ކުރު މުއްދަތެއްގައި ތަމްރީނުކުރެވޭ ކޯސްތަކެއް ފެށުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު މިއަދު ބޭއްވެވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދާއި، މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑޮކްޓަރ އިބްރާހީމް ޙަސަން އާއި ކައުންސިލްތަކުގެ އިސްވެރިންނާއި ކަމާގުޅޭ އިސް ފަރާތްތައް ހިމެނޭހެން އޮންލައިންކޮށް ބޭއްވެވި އެ މަޝްވަރާ ބައްދަލުވުމުގައި ނައިބު ރައީސް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރާއްޖޭގައި ހުރި ވަޒީފާތަކުގެތެރެއިން ދިވެހިންނަށް އަދާކުރެވެންހުރި ވަޒީފާތަކަށް ވީހާވެސް ބޮޑަށް ދިވެހިންލައިގެން މަސައްކަތްތައް ކުރިއަށް ގެންދިއުންކަމުގައެވެ. އަދި ހަމަ އެއާއެކު ސަރުކާރުގެ އަމާޒަކީ ދިވެހިންނަށް ބޭނުންވާ ތަމްރީނުތައް ދީގެން ވީހާވެސް ގިނަ ދިވެހިންނަށް ވަޒީފާގެ ފުރުޞަތުތައް ތަނަވަސްކޮށްދެއްވުންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަޙީދު ވަނީ ފަތުރުވެރިކަމުގެ ދާއިރާއަށް ވީހާވެސް ގިނަ ދިވެހިން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި މިހާރު ކުރިމަތިވެފައިވާ މި ޙާލަތަކީ ދިވެހިންނަށް ގިނަ ވަޒީފާތަކެއް ހޯދައިދިނުމަށް ލިބޭ ފުރުޞަތަކަށް ހަދައި ދިވެހިން ތަމްރީނުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރ ވާހަކުފުޅު ދެއްކެވިއެވެ. އަދި ދިވެހިންނަށް އަދާކުރެވޭނެ ހުރިހާ ވަޒީފާއަކަށް ހަމައެކަނި ދިވެހިން ނެގުމަށް ބާރުއެޅުމަށް މަސައްކަތްކުރުމަށް އެދިވަޑައިގެން އެމަނިކުފާނު ވަނީ ޓުއަރިޒަމްގެ ދާއިރާގެ ބައެއް ބައެއް ވަޒީފާތަކަކީ ހަމަ އެކަނި ދިވެހިންނަށް ޚާއްޞަކޮށްފައި އޮންނަ ވަޒީފާތަކަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި ހަމަ އެއާއެކު އެ ބައްދަލުވުމުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ބޯޑަރުތައް ހުޅުވުމަށް ވަމުންދާތައްޔާރީތަކުގެ މަޢުލޫމާތުވެސް ޙިއްޞާކުރައްވާފައެވެ.
ކުރުމުއްދަތެއްގައި ފުރިހަމަކުރެވޭ ކޯސްތަކާ ގުޅޭގޮތުން މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ވިދާޅުވީ މީހުން ބިނާކުރުމަށް ޚާއްޞަކޮށްގެން ސްޓަޑީއެއް ހެދުމަށްފަހު މިހާރުވަނީ ސެޓްފިކެޓް 3 ގެ ލެވެލްގެ 20 ކޯހެއް ޑިޒައިންކޮށް، އެކޯސްތައް ފެށުމުގެ މަގުމަތީގައިކަމަށެވެ. އަދި މި ކޯސްތައް ހިންގާނީ ތިއަރީ ބަޔަކާއި ރިޒޯޓްތަކުގައި އަމަލީ ތަޖުރިބާ ފުރިހަމަ ކުރުމުގެ ބައެއް ހިމެނޭގޮތަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މިގޮތަށް މިކަން ކުރުމަށް ނިންމަވާފައިވަނީ ދަރިވަރުންނަށް ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވައި ވަޒީފާއަށް ލޮބިޖެއްސުމަށްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މި ބައްދަލުވުމުގައި އެމަނިކުފާނު ވަނީ މި ކޯސްތަކަށް ދަރިވަރުން ހޯދުމުގައި ކައުންސިލުތަކުން އެހީތެރިކަން ފޯރުކޮށްދެއްވުމަށް ވެސް އެދިވަޑައިގެންފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ކަމަބެހޭ ހުރިހާ އިދާރާތައް ގުޅިގެން އެކުގައި މަސައްކަތްކޮށް އެ ކޯސްތައް އެންމެ ފުރިހަމަގޮތުގައި ހިންގައި ނަތިޖާނެރެދެއްވުމަށް އެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގަންނަވާފައެވެ. އަދި އެމަނިކުފާނު ވަނީ ރައްޔިތުންގެ ކަންތައްތައް ބަލަހައްޓާ ރައްޔިތުންގެ ބޭނުންތައް ފުއްދައިދިނުމަށް ކައުންސިލަރުން ކުރައްވާ މަސައްކަތްތަކަށް ތައުރީފުކުރައްވައި އެގޮތުގައި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް އެދިވަޑައިގެންފައެވެ. އަދި ނިއުނޯމަލް އަކުން ނޯމަލްއަށް ޤައުމުގެ ޙާލަތު ބަދަލުވެގެންދާއިރު ކުރިއަށްވުރެ ރަނގަޅު ޙާލަތަކަށް ގެންދިއުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް ވެސް އެ ބައްދަލުވުމުގެ ބައިވެރިންގެ ކިބައިން އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.