ޓްރެވެލް އެންޑް ޓޫރިޒަމްގެ ދާއިރާއިން ތަޢުލީމީ ކޯސްތައް ތަރައްޤީކުރުމަށް ކޮންސަލްޓެންސީ ހޯދަން އިޢުލާންކޮށްފި އެވެ.
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައި ވަނީ ދިވެހި ސަރުކާރުން ވަރލްޑްބޭންކުގެ އެހީއާއެކު ތަންފީޒުކުރަން ހަމަޖެހިފައިވާ ‘މޯލްޑިވްސް: އެންހޭންސިންގ އެމްޕްލޯއިބިލިޓީ އެންޑް ރެޒިލިއަންސް އޮފް ޔޫތު’ ޕްރޮޖެކްޓުގެ ފަރާތުން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ “ޑިވަލޮޕްމަންޓް އޮފް ކޯސަސް އޮން ޓުރެވަލް އެންޑް ޓޫރިޒަމް އެޑިއުކޭޝަން އެޓް މޯލްޑިވްސް ޕޮލީޓެކްނިކް“ގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ކޮންސަލްޓަންޓެއް ހޯދަން ބޭނުންވާ ކަމަށެވެ.
އެހެންކަމުން އެ މަސައްކަތަށް ޝައުޤުވެރިވާ ފަރާތްތަކުން 15 ޖޫން 2020 ވާ ހޯމަ ދުވަހުގެ މެންދުރު 14:00 ގެ ކުރިން އެކްސްޕްރެޝަން އޮފް އިންޓަރަސްޓް އާއިއެކު ކަމާ ގުޅުންހުރި ވެލިޑޭޓް ކޮށްފައިވާ ލިޔެކިޔުންތައް އަދި ވަނަވަރު، އީމެއިލް މެދުވެރިކޮށް ފޮނުވުމަށް ވަނީ އެދިފައެވެ. އަދި ސުންގަޑީގެ ފަހުން ހުށަހެޅޭ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެ ކަމަށްވެސް އެ އިޢުލާނުގައި ވެއެވެ.
ހަޔަރ އެޑިޔުކޭޝަނުން ބުނީ އެ ކޮންސަލްޓެންސީ ޚިދުމަތް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުގައި ކިބައިގައި ހުންނަންޖެހޭ ޝަރުތުތަށް އަދި އެ މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތަކާއި މަސައްކަތުގެ މުއްދަތު ޓަރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެ ކަމަށެވެ.
އެ ކޮންސަލްޓަންސީ އަށް ފަރާތެއް ހޮވުމުގައި އަމަލުކުރެވޭނީ ވަރލްޑް ބޭންކުގެ “ވޯލްޑް ބޭންކު ޕްރޮކިއުރމަންޓް ރެގިއުލޭޝަންސް ފޯރ އައި.ޕީ.އެފް ބޮރޯވާރސް ތަކަށް ކޮންސަލްޓަންޓުން ހޮވުމުގައި އަމަލު ކުރާ އުސޫލް ، އޮގަސްޓް 2018 ” ގައި ވާ ގޮތުގެ މަތިންނެވެ.
މިކަމަށް ކޮންސަލްޓެންސީ ހޯދަން އިޢުލާންކޮށްފައިވާއިރު، ނައިބު ރައީސް ފައިޞަލް ނަސީމް ވަނީ މުޅި ރާއްޖެއަށް އަމާޒުކޮށްގެން ފަތުރުވެރިކަމުގެ ދާއިރާއަށް މީހުން ބިނާކުރުމަށް، ކުރު މުއްދަތެއްގައި ތަމްރީނުކުރެވޭ ކޯސްތަކެއް ފެށުމަށް ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާއެކު އިއްޔެ މަޝްވަރާކުރައްވައިފައެވެ.