English Edition
Dhivehi Edition

ހުޅުމާލެ ފޭސް 2 ގައި ހުއްދަ ނެތި ޑްރޯން އެރުވި މައްސަލައިގައި ހިމެނޭ ނޫސްވެރިޔާއަށް ޖިސްމާނީ އަނިޔާތައް ލިބިފައިވާ ކަމަށާއި، ސީނަށް އެޓެންޑްވި ދެ ފުލުހުންގެ މައްސަލަ ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ހުށަހަޅަން ނިންމާފައިވާ ކަމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން ބުނެފިއެވެ.

މި މަހުގެ 22 ވަނަ ދުވަހުގެ ރޭގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ނިކަގަސް މަގު، ގޮނޑުދޮށް ސަރަހައްދުގައި ހުއްދަ ނެތި ޑްރޯން އެރުވި މައްސަލައާ ގުޅިގެން އެމްޖޭއޭ އިން ހެދި އިންސިޑެންޓަލް ރިޕޯޓުވަނީ އާންމުކޮށްފައެވެ. އެ ރިޕޯޓުގައި ވަން އޮންލައިންގެ ފޮޓޯ ޖާނަލިސްޓެއް ކަމަށްވާ ހަމްދާން އަހްމަދުއަށް ޖިސްމާނީ ގޮތުން އަނިޔާތަކެއް ލިބިފައިވާ ކަން ފާހަގަކޮށް ބުނެފައިވަނީ އޭނާގެ ނިތްކުރި މަތި ދުޅަވެ ގޮބިލާފައި ހުރި ކަމަށެވެ. އަދި ކަނާއަތުގައި ރިއްސާކަމަށް ހަމްދާން ބުނި އިރު، އެ އަތުގައި ހަރުވެ ނޫފައިގެންފައި ހުރި ކަމަށް އެމްޖޭއޭ އިން ވަނީ ބުނެފައެވެ.

. މީގެ އިތުރަށް އެ ހާދިސާ ހިނގި ރޭ ސީނަށް އެޓެންޑްވި ދެ ފުލުހުންގެ ތެރެއިން އެކަކަކީ މީގެ ކުރިން ވެސް އެހެން ކަމެއްގައި ހަމްދާނާ އެކު ޒުވާބުތަކެއް ހިންގާފައިވާ ފަރާތެއް ކަމަށް ވަން އޮންލައިން ނޫހުން ފާހަގަކޮށްފައިވާ ކަމަށް ވެސް އެމްޖޭއޭ އިން ވަނީ ބުނެފައެވެ. އެ ދެ ފުލުހުންގެ މައްސަލަ އެންއައިސީ އަށް އެ ޖަމިއްޔާގެ ފަރާތުން ހުށަހަޅަން ނިންމާފައިވާކަން ފާހަގަކޮށް ބުނެފައިވަނީ ހަމްދާނގެ ހާލަތު ކައިރިން ބަލައި އޭނާއަށް ދެވެން އޮތް އެހީތެރިކަމެއް ދީ އެ މައްސަލަތަކުގައި ގާނޫނީ އެހީތެރިކަން ބޭނުންވާ ނަމަ އެ ކަން ވެސް އެޖަމިއްޔާގެ ފަރާތުން ފޯރުކޮށްދޭނެ ކަމަށެވެ.

ނޫސްވެރިން ވެސް އާންމު އަހުލާގީ މިންގަނޑާ އެއްގޮތަށް އަމަލު ކުރުމަށް އެމްޖޭއޭއިން އިލްތިމާސްކޮށް ފޮޓޯ އާއި ވީޑިއޯ ނެގުމުގެ ހުއްދައެއް ނަގަން ޖެހޭ ނަމަ އެފަދަ ހުއްދަތައް ނަގާފައި ހުންނަކަން ކަށަވަރު ކުރުމަށާއި އަދި މަސައްކަތުގައި އުޅޭ އިރު، އެފަދަ ހުއްދަތައް ހިފައިގެން އުޅުމަށް ވެސް އެމްޖޭއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.