English Edition
Dhivehi Edition
އެމްޖޭއޭގެ އާ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން - ފޮޓޯ: އެމްޖޭއޭ

މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ)ގެ އާ ހިންގާ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން އިއްޔެ ބާއްވައިފި އެވެ.

އެމްޖޭއޭ އިން ބުނީ އާ ހިންގާ ކޮމިޓީގެ ހުރިހާ މެމްބަރުން ބައިވެރިވި މި ބައްދަލުވުމުގައި ނިންމި އެންމެ މުހިއްމު ކަމަކީ، ޖަމިއްޔާގެ އަސާސީ ގަވައިދު އިސްލާހުކުރުމުގެ ފުރަތަމަ މަރުހަލާ ކަމަށްވާ، އާއްމު މެމްބަރުންނާއި ނޫސްވެރިން، އެ ގަވާއިދަށް އިސްލާހު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމުން ކަމަށެވެ. އަދި އަސާސީ ގަވައިދުގައި ހިމެނޭ ޑިމޮކްރަސީއާ ބީރަށްޓެހި މާއްދާތައް އުނިކޮށް، މެމްބަރުންގެ ހިޔާލުތަކާ އެކު ޒަމާނީ ބަދަލުތަކެއް އެ ގަވާއިދަށް ގެނައުމަކީ އާ ހިންގާ ކޮމިޓީން އެންމެ އިސްކަންދޭނެ މަސައްކަތެއް ކަމަށްވެސް އެ އެސޯސިއޭޝަނުން ބުންޏެވެ.

މީގެ އިތުރުން އިއްޔެގެ ބައްދަލުވުމުގައި އެ ޖަމިއްޔާއާ އަކީ ހުރިހާ ނޫސްވެރިންގެ ބައިވެރިވުމާ އެކު، އިދާރީ ގޮތުން ފުރިހަމަ، ހަރަކާތްތެރި ޖަމިއްޔާއަކަށް ހެދުމަށްޓަކައި ދާއިމީ ހަތަރު ކޮމިޓީއެއް އެކުލަވާލަން ނިންމިއެވެ. އެމްޖޭއޭ އިން ބުނީ ހިންގާ ކޮމިޓީގެ މެމްބަރުންގެ ލީޑާޝީޕުގެ ދަށުން އެކުލަވާލާ މި ކޮމިޓީތަކުގައި ބައިވެރިވާން ޝައުގުވެރިވާ މި ޖަމްއިއްޔާގެ އާންމު މެންބަރުންނާއި ނޫސްވެރިންނަށް އެ ފުރުސަތު އެބައޮތް ކަމަށެވެ.

އިއްޔެ އެކުލަވާލި އެމްޖޭއޭގެ ކޮމިޓީތަކަކީ؛

  • ފޮރިން ރިލޭޝަންސް ކޮމިޓީ – މުގައްރިރު މުހައްމަދު ޖުނައިދު (ހިންގާ ކޮމިޓީގެ މެމްބަރު)
  • އެޑްމިން އެންޑް މީޑިއާ ރިލޭޝަންސް ކޮމިޓީ – މުގައްރިރު އަހުމަދު ނާއިފް (ހިންގާ ސެކްރެޓަރީ)
  • ރިސާޗް އެންޑް އެޑްވޮކެސީ ކޮމިޓީ – މުގައްރިރު ފާތިމަތު ސާޔާ އަހުމަދު (ހިންގާ ކޮމިޓީގެ މެންބަރު)
  • ޕްރޮގްރާމްސް އެންޑް ފަންޑް ރެއިޒިން – މުގައްރިރު ނާޒިމް ހަސަން (ބަޖެޓް ސެކްރެޓަރީ)

ހިންގާ ކޮމިޓީގެ ބައްދަލުވުމެއް ކޮންމެ މަހަކު ވެސް މަދުވެގެން އެއް ފަހަރު ބޭއްވުމަށް ވެސް ނިންމި އެ ބައްދަލުވުމުގައި ވަނީ އާއްމު މެމްބަރުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރުމަށްޓަކައި ނޫސްވެރިން އަދި އެޑިޓަރުންނާ އެކު ކޮމިއުނިކޭޝަންސް ޕްލެޓްފޯމެއް ގާއިމްކުރުމަށް ނިންމައިފަ އެވެ. އަދި އެ ޖަމިއްޔާގެ ފަރާތުން ޕަބްލިކޭޝަނެއް ނެރުމަށާއި އާއްމުންނަށް ހުޅުވާލައިގެން ނޫސްވެރިކަމާ ގުޅޭ ޑައިލޮގްތަކެއް ބޭއްވުމަށް ނިންމާފައިވެވެ.

އެމްޖޭއޭ އިން ބުނީ އެ ޖަމިއްޔާގެ އެންމެ ބޮޑު އަމާޒަކީ ނޫސްވެރިންނަށް ތައުލީމީ، ތަމްރީން ރިސާޗް އަދި ތަޖުރިބާގެ ފުރުސަތުތައް ހޯދައިދީ މިއަދަށާއި މާދަމާއަށް ތައުލީމީ، ތަހުޒީބީ ނޫސްވެރިންގެ ޖީލެއް އުފެއްދުން ކަމަށެވެ. އަދި ދިވެހި ނޫސްވެރިން އެތިކަލް ނޫސްވެރިކަމަކަަށް އަހުލުވެރިކޮށް ނޫސް އިދާރާތަކުގައި އެތިކަލް ގައިޑްލައިންތަކެއް ހެދުމަށް އެ ޖަމްއިއްޔާގެ ފަރާތުން ފަންނީ އެހީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށްވެސް އެމްޖޭއޭ އިން ބުންޏެވެ.

އެކަމަށްޓަކައި ރާއްޖެ އާއި ރާއްޖޭން ބޭރުގެ ޖަމްއިއްޔާ، ޖަމާއަތްތަކާއި މުއައްސާތަކާއި އިދާރާތަކާއި އެމްބަސީތަކާ ގުޅުން ބަދަހިކޮށް ގުޅިގެން ކުރެވޭނެ ކަންކަން ހޯދައި ބެލުމުގެ މަސައްކަތް ފަށާފައިވާ ކަމަށް އެމްޖޭއޭ އިން ބުންޏެވެ.

އެމްޖޭއޭ އާ ހިންގާ ކޮމިޓީއެއް އިންތިހާބުކޮށް ހަރަކާތްތައް އަލުން ފެށުމާ ގުޅިގެން ބައިނަލްއަގްވާމީ ދެ ޖަމާއަތް ކަމަށްވާ ރިޕޯޓާސް ވިތައުޑް ބޯޑާސް އާއި އިންޓަނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓް (އައި.އެފް.ޖޭ) އިން ވަނީ މަރުހަބާ ކިޔައި ހިތްވަރުދީފަ އެވެ. އަދި އެ ޖަމްއިއްޔާތަކާ ގުޅިގެން މަސައްކަތް ކުރުމަށް ވެސް މިހާރު ވަނީ މަޝްވަރާތައް ފެށިފަ އެވެ.