English Edition
Dhivehi Edition

 

އިބްރާހީމު ރަޝީދު މޫސާ/

ނޯވޭއަކީ ސްކެންޑްނޭވިޔާގެ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެކެވެ. މިޤައުމުގެ ދެކުނުފަރާތުގައި އޮންނަނީ ޑެންމާރކެވެ. އުތުރު ފަރާތުގައ ރަޝިޔާއެވެ. އިރުމަތީ ފަރާތުގައި ފިންލެންޑާއި ސްވިޑުނެވެ. އަށެއްކަ މިލިއަން މީހުންގެ އާބާދީއެއް އޮންނަ މި ޤައުމަކީ ދުނިޔޭގެ ސިޔާސީ މައިދާނާއި އިޤްތިޞާދީ މައިދާނުގައި ވަރަށް މުހިއްމު މަޤާމެއް ޙާޞިލުކޮށްފައިވާ ޤައުމެކެވެ.

ނޯވޭއަކީ ތެޔޮ އުފައްދާ ބޮޑެތި ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމުކެވެ. މި ކަމުގެ ސަބަބުން އެ ޤައުމުގެ ބޮލަކަށް ޖެހޭ އާމްދަނީއަކީ ދުނިޔޭގައި އެންމެ ބޮޑު އާމްދަނީއެވެ.
މުސްލިމުންގެ ޙާލަތު

ނޯވޭގެ މުސްލިމުންގެ ބޮޑު ޢަދަދަކީ އެ ޤައުމުގައި ދިރި އުޅޭ ބޭރު މީހުންނެވެ. އެމީހުންގެ ޢަދަދަކީ ގާތްގަނޑަކަށް 61774 އެވެ. މީގެ ތެރޭގައި އެންމެ ގިނައީ ޕާކިސްތާނު މީހުންނެވެ. ދެވަނައަށް ގިނައީ ސޯމާލިއާ މީހުންނެވެ. ތިންވަނައަށް ގިނަކަމަށް ފާހަގަ ކުރެވެނީ ޢިރާޤު މީހުންނެވެ. ރަމަޟާން މަހުގެ ދުވާލުގެ ކުރުދިގުކަމާއި މޫސުމީ ބަދަލުތައް

ޖޯގްރަފީ ގޮތުން ބަލައި އިރު ނޯވޭއަކީ ދުނިޔޭގެ ބިމުގެ އުތުރު ތަނޑީގެ ސަރަޙައްދު ތެރޭގައި އޮންނަ ޤައުމަކަށް ވާތީ، ހޫނު މޫސުމުގައި ދުވާލު ވަރަށް ދިގުވެފައި ރޭގަނޑު ވަރަށް ކުރެވެ. ޢާއްމު ގޮތެއްގައި ދުވާލު ، 22ހަކަށް ގަޑި އިރު ވަންދެން އިރު ނޯއްސި ހުރެއެވެ. އަދި ކީއްތޯއެވެ؟ ނޯވޭގެ ބައެއް ހިސާބުތަކަށް މަހެއްހާ ދުވަސް ވަންދެން އެއްގޮތަކަށް ވެސް އިރު ނޯއްސި ހިގައިދާނެއެވެ. މިހެންވެ ، ނޯވޭއަކީ ރޭގަނޑު މެންދަމު އިރުއަރާ ޤައުމެކޭ ބުނެއެވެ. ހަމަ މި މޭރުމުން ފިނި މޫސުމުގައި ރޭގަނޑު ދިގުވެ ދުވާލު ކުރުވެއެވެ. ކީރިތި ޤުރްއާނުގައި އައިސްފައިވާ ފަދައިން އެމީހުންނަށް އުޅެންޖެހިފައި މިވަނީ ކަޅު ރޮއްޖާއި ހުދު ރޮދި ވަކިކުރަން ނޭގޭ ފަދަ ވެށްޓެއްގައެވެ. މިއަހަރު ރަމަޟާން މަސް މި އަންނަނީ ހޫނު މޫސުމުގެ ތެރޭގައެވެ. އިރު އޮއްސި ރޯދަވީއްލާތާ ކުޑަ އިރު ކޮޅެއްގެ ތެރޭގައި ހާރުކާން ޖެހޭނެއެވެ. މި ފަދަ މޫސުމީ ބަދަލުވުންތަކާ ގުޅޭ ގޮތުން ޢިލްމުވެރިން ދެއްވާފައި ހުންނަ ފަތުވާތައް ވަރަށް ތަފާތެވެ. މި މަޒްމޫނުގައި މި ފަތުވާތަކަށް ބަލައެއް ނުލާނަމެވެ. އެއީ މި މަޒްމޫނުގެ މަޤްޞަދެއް ނޫނެވެ. ނޯވޭގައި ރަމަޟާން މަހުގެ ސުފުރާތައް

ނޯވޭގެ މުސްލިމުންގެ ސުފުރާތަކަކީ އެމީހުން ނިސްބަތްވާ ޤައުމުތަކުގެ ނިސްބަތުން ތަފާތު އެއްޗެކެވެ. މިސާލަކަށް ޕާކިސްތާނުގެ މުސްލިމުން ކައި އެއްޗެހީގައި ހަވާދާއި ، މިރުހާއި ތެޔޮ ގިނަކަން ފާހަގަ ކުރެވެއެވެ.

މިއާ ޚިލާފަށް ސޯމާލިޔާ މީހުންގެ ޢާއްމު ކެއުމަކީ މެކަރޯނީއާއި ދޮންކޭލެވެ. ދިވެހިންގެ ކޮންމެ ކެއުމެއްގައި ކަޑު މަސް ހުންނަ ގޮތަށް ، އެމީހުންގެ ކޮންމެ ކެއުމެއްގައި ދޮންކެޔޮ ހުންނާނެއެވެ.

އެރީތުރިއާ މީހުންނަށް ބަލައި އިރު އެމީހުން ރޯދަވީއްލާނީ ފަންޏާއި ސަންބޯސާއިންނެވެ. މި ސަންބޯސާގެ ހުންނާނީ އެއްގަމު މަހެވެ. މި ފަދަ ލުއިގޮތަކަށް ރޯދަވީއްލުމަށް ފަހު ވަރުގަދަ ކެއުމަކާ ކުރިމަތި ލާނެއެވެ.

މަޣްރިބު ކަރައިގެ މީހުން ޢާއްމު ގޮތެއްގައި ކާނީ ކުސްކުސީ ނަމަކަށް ކިޔާ ކެއުމެކެވެ. މިއީ މުގުރި ގޮދަނާއި ،ކެރަޓާއި، ބަރަބޮލާއި، ގެރިމަހުން ތައްޔާރު ކުރާ ރަހަ މީރު ، ހަކުރު ގިނަ ކެއުމެކެވެ.
އަޅުކަމުގެ މައްސަރެއް

ނޯވޭގައި ސާޅީހަށް ވުރެ ގިނަ މިސްކިތާއި އިސްލާމި މަރްކަޒު ހުރެއެވެ. ނަމަވެސް މުސްލިމުންގެ މެދުގައި މަޛްހަބީ އަރާރުންތައް ވަރަށް ބޮޑެވެ. ކޮންމެ ބަޔަކުވެސް އެ ބަޔެއްގެ ގޮތުގައި ހިފެހެއްޓުމުގެ ސަބަބުން މުސްލިމުންގެ މެދުގައި އޮންނަން ޖެހޭ އެއްބަނޑު އެއްބަފައިކަމާއި އެއްބާރުލުން ފެންނަނީ ވަރަށް ކުޑަ ކޮންނެވެ. މިހެން ކަން އޮތް ކަމުގައި ވިޔަސް މި މިސްކިތްތަކާއި މަރްކަޒުތަކަކީ މުސްލިމުން ، ދީނީ ޝަޢީރާތައް ފާޅުކޮށް ދީނަށް ގޮވައިލުމަށްޓަކައި ބޭނުން ކުރާ ހިޔާވަހިތަކެކެވެ. ރަމަޟާން މަހުގައި މި ތަންތާނގެ ދައުރު ވަރަށް ބޮޑެވެ. މިސްކިތްތަކުގައި ތަރާވީޙު ނަމާދާއި ތަހައްޖުދު ނަމާދު ޤާއިމު ކުރެވެއެވެ. ޕާކިސްތާނާއި ސޯމާލިއާ ފަދަ ޤައުމުތަކުން އައިސް ތިބި މުސްލިމުންގެ ތެރޭގައި ޙާފިޡުން ގިނަކަން ފާހަގަ ކުރެވެއެވެ. ނޯވޭ މީހުން ރަމާޟާން މަހާ މެދު ދެކޭގޮތް

ނޯވޭގެ މީހުންނަކީ އެ ޤައުމުގައި އުޅޭ ބޭރު މީހުންނާ ވަރަށް ގުޅިގެން އުޅޭ ރަޙްމަތްތެރި ބަޔެކެވެ. މުސްލިމުން ރަމަޟާން މަހުގައި ވިއްސަކަށް ގަޑިއިރު އެއްވެސް ޝަކްވާއެއް ނެތި ރޯދަ ހިފާތީ އެކަމާ މެދު ވަރަށް އަޖައިބުވެއެވެ. މުސްލިމުންގެ ކިބައިން ފެންނަ މި ވަރުގަދަ ޢަޒްމަށް ތާރީފު ކުރެތެވެ. އެކަމަކު ބައެއް މީހުންގެ ނަޒަރުގައި އެއީ މޮޔައިންތަކެކެވެ. އެމީހުން ދެކޭ ގޮތުގައި ވިއްސަކަށް ގަޑިއިރުވަންދެން ނުކައި ނުބޮއި ތިބޭނީ މޮޔައިންނެވެ.

ނޯވޭގެ މުސްލިމުންގެ ގާތުގައި ރަމަޟާން މަހަކީ ތަޤްވާވެރިކަމާއި އީމާންކަމުގެ މަހެވެ. ބަރަކާތާއި ހެޔޮ ކަމުގެ މަހެވެ.ދުވާލު ވަގުތު ކިތަންމެ ދިގު ވިޔަސް ޝަކްވާއެއް ނެތެވެ. ރޭގަނޑުގެ ވަގުތުކޮޅު ކިތަންމެ ކުރު ވިއަސް ރޭތައް ދިރުވައި ވެސް ހަދައެވެ.އަދި ޤަވާޢިދުން މަސައްކަތަށް ވެސް ދެއެވެ. ޗުއްޓީއެއް ނުނަގައެވެ. އިސްލާމީ ޤައުމުތަކުގައި އޮންނަ ފަދައިން، ނޯވޭގައި ރަމަޟާން މަހޭ ކިޔާފައި މަސައްކަތުގެ ގަޑިއަކަށް ބަދަލެއް ނާދެއެވެ.

* މިއީ ލިޔުންތެރިންގެ ގުޅުމުން ނަގާފައިވާ ލިޔުމެކެވެ