ނޭޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ރަސްމީކޮށް ބޭނުންކުރަން ފަށައިފިއެވެ.
މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން ވަނީ ޝިޕިންގ އޭޖެންޓުންނާއި، ފްރައިޓް ފޯވަރޑިންގެ ޚިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީވުމާއި ކަސްޓަމްސްއަށް ހުށަހަޅަންޖެހޭ މައުލޫމާތު ހުށަހެޅުމަށްޓަކައި ނޭޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ޕްލެޓްފޯމް މިއަދުން ފެށިގެން ރަސްމީކޮށް ބޭނުންކުރަން ފަށާފައެވެ.
މިކަން މިގޮތަށް ކުރަން ކަސްޓަމްސް އިން ނިންމީ 02 ފެބްރުއަރީ 2025ވަނަ ދުވަހު ބޭއްވި ކެބިނެޓް ބައްދަލުވުމުގައި ނިންމެވި ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ތަސައްވުރާ އެއްގޮތްވާ ގޮތުގެ މަތިން، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި ބޯޑަރުގައި ޙަރަކާތްތެރިވާ ސަރުކާރުގެ އިދާރާތަކުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ދިނުމަށްކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ.
ކަސްޓަމްސް އިން ބުނީ މޯލްޑިވްސް ކަސްޓަމްސް ސަރވިސްއަށް ހުށަހަޅަންޖެހޭ މަޢުލޫމާތު ހުށަހަޅަންވާނީ ނޭޝަނަލް ސިންގަލް ވިންޑޯ “ޓްރޭޑިއަން” ޕްލެޓްފޯމް މެދުވެރިކޮށް ކަމަށެވެ.
މިގޮތަށް ހަމަޖެއްސި ކަމުގައިވީނަމަވެސް، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީވެފައިނުވާ ފަރާތްތަކަށް، 31 މެއި 2025ވަނަ ދުވަހުގެ ނިޔަލަށް، މިހާރު ހުށަހަޅަމުންދާގޮތަށް ކާގޯ މެނިފެސްޓާއި “ވެސެލް އެރައިވަލް އިންފޮމޭޝަން (އީ.ޓީ.އޭ)” އާގުޅޭ މައުލޫމާތު ކަސްޓަމްސްއަށް ހުށަހެޅޭނެ ކަމަށް ކަސްޓަމްސް އިން ވަނީ ބުނެފައެވެ. . އަދި 1 ޖޫން 2025 ވަނަ ދުވަހުން ފެށިގެން، މި ޚިދުމަތްތައް ހޯއްދެވޭނެ ހަމައެކަނި ޕްލެޓްފޯމަކީ ޓްރޭޑިއަން ކަމަށްވާތީ، އެ ސުންގަޑީގެކުރިން، ޓްރޭޑިއަން ޕްލެޓްފޯމްގައި ރަޖިސްޓްރީކުރެއްވުމަށް އެންމެހާ ޝިޕިންގ އެޖެންޓުންނަށާއި ފްރައިޓް ފޯވަރޑިންގގެ ޚިދުމަތްދޭ ފަރާތްތަކުގެ ސަމާލުވުމަށް ކަސްޓަމްސް އިން ވަނީ އެދިވަޑައިގެންފައެވެ.