މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން ގއ. ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުންނާއި، ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
ފުލުހުން ބުނީ މި މަހު 4 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނަކީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުންދާ ބޯޓަކުން ވިލިނގިއްޔަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށެވެ. މި އޮޕަރޭޝަނުގައި، އެ ބޯޓު ވިލިނގިލީ ބަނދަރާ ގާތްކުރުމުން ކޯޓު އަމުރެއްގެ ދަށުން އެ ބޯޓު ބަލައިފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 231 ގްރާމް ހުންނާނެކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއް ނުވާއިރު މި މައްސަލަ ވިލިނގިލީ ޕޮލިސް ސްޓޭޝަނުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.