ކުޅުދުއްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ބަންދުގައި ހުރި މީހަކު އަމިއްލައަށް މަރުވާން މަސައްކަތް ކުރުމުން އޭނާއަށް ހދ. ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.
މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައި ރޭ ފުލުހުން ވިދާޅުވީ، ކުޅުދުށްފުށީ ޕޮލިސް ކަސްޓޯޑިއަލްގައި ހުރި އުމުރުން 34 އަހަރުގެ މީހަކު ރޭ 21:12 ހާއިރު އަމިއްލައަށް މަރުވާން މަސައްކަތް ކުރި ކަމަށެވެ. އެހެންވެ، އޭނާއަށް ކުޅުދުށްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ވިދާޅުވިއެވެ.
އެ މީހާއަކީ މަސްތުގެ ހާލަތުގައި ހުރެގެން ގޭތެރޭގެ ތަކެއްޗަށް ގެއްލުންދީ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އޭޕްރިލް 2 ވަނަ ދުވަހު ހައްޔަރުކުރި މީހެއް ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މި ހާދިސާ ހިނގާފައިވާ ގޮތުގެ އެތެރޭގެ ތަހުގީގެއް ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑާޑްސް ކޮމާންޑުގެ ޓީމުން ވަރަށް ހާއްސަ އިސްކަމެއް ދީގެން ކުރިއަށް ގެންދާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.
މީގެ ކުރިން ވެސް ކުޅުދުއްފުށީ ޖަލުގައި ދަން ޖެހިގެން މީހަކު ވަނީ މަރުވެފައެވެ.