English Edition
Dhivehi Edition

މާލެ ދަތުރު ކުރަމުން ދަނިކޮށް ވަރަށް ބޮޑަށް އަލިފާން ރޯވެގެން އަޑިއަށް ދިޔަ “ހޮޅުދޫ ބޯޓު” ނަމަކަށް ކިޔާ މުދާ އުފުލާގައި ބޯޓުން ކަނޑަށް ފުންމާލި މީހުންގެ ތެރެއިން ގެއްލުނު ލ.މާވަށަށް އުފަން އުމުރުން 25 އަހަރުގެ އަލީ މުޝްފިގް މުހައްމަދު ޝަރީފް ހޯދަން ސިފައިން ބޮޑު ސަރަަހައްދެއް ބަލައިފިއެވެ.

އެމްއެންޑީއެފުން ބުނީ ކޯސްޓްގާޑް ޝިޕް ގާޒީ އާއި އެފްއައިސީ މާފަތް އަދި އެޗްޕީ 114، ޑައިވަރުންނާއި އެއާކޯގެ ޑްރޯން އަދި އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކޮމާންޑްގެ ސިފައިން ގުޅިގެން ކަނޑުމަތިންނާއި ޑައިވްކޮށްގެން އަދި ވައިގެ މަގުން މުޝްފިގް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ރޯވި ބޯޓު ރޭ ދަންވަރު 2:07 ހާއިރު ވަނީ އަޑިއަށް ގޮސްފައެވެ. އެހެންކަމުން ބޯޓުގެ ބައިތައް އޮޔާދާތީވެ އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތައް ސަމާލުވުމަށް ވަނީ އިލްތިމާސްވެސް ކޮށްފައެވެ.

ލ. މާވަށަށް ނިސްބަތްވާ މި ބޯޓުން ޖުމްލަ 18 މީހަކު ދަތުރު ކުރިއެވެ. އޭގެ ތެރެއިން މުޝްފިގް ފިޔަވާ އެންމެން ވަނީ ސަލާމަތް ކޮށްފައެވެ.

ރެއިން ފެށިގެން މުޝްފިގް ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ އޮޕަރޭޝަންގެ އަދާހަމަ ހާމަކުރަމުން މިރޭ އެމްއެންޑީއެފް އިން ބުނީ، ސަރފޭސް ސަރޗްގެ ގޮތުގައި 53.04 ސްކުއެއާ ނޯޓިކަލް މޭލް ބަލާފައިވާ ކަމަށެވެ.

މިގޮތުން އަންޑަރވޯޓަރ (ޑައިވިންގ) ސަރޗްގެ ގޮތުގައި 64،240 އަކަމީޓަރު ބަލާފައިވާއިރު، ވައިގެ މަގުން 1،545 ސްކުއެއާ މޭލް (4000 އަކަމީޓަރު) ބަލާފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެމްއެންޑީއެފް އިން ވިދާޅުވީ، އޭނާ ހޯދުމުގެ މަސައްކަތުގައި ކަނޑާއި ވައިގެމަގުން އަދި ޑައިވަރުން ވެސް ހަރަކާތްތެރިވަމުންދާ ކަމަށެވެ.