English Edition
Dhivehi Edition

މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެއްކަމަށްވާ ތިލަމާލެ ބުރިޖުގެ އެންމެ އުސް ޕްރީކާސްޓް ތަނބު ޤާއިމުކޮށްފިއެވެ.

އިންޑިއާ ހައިކޮމިޝަނުން މިއަދު އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެގައުމުގެ އެފްކޮންސް ކުންފުނިން ކުރިއަށްގެންދާ މި މަޝްރޫއުގެ ދަށުން، ދުނިޔޭގެ ވެސް އެންމެ އުސް ކަނޑުއަޑީގެ ޕްރިކާސްޓް ތިލަމާލެ ބްރިޖުގައި ގާއިމުކޮށްފައި ވާކަމަށެވެ.

އެ ޕްރީކާސްޓް ގައި 8.2 މީޓަރުގެ އުސްމިން ހުންނައިރު، 25.3 މީޓަރުގެ ފުޅާމިން ހުންނަ ކަމަށް އެ ކޮމިޝަނުން މައުލޫމާތުދީފައިވެއެވެ. އަދި، 216.04 މެޓްރިކް ޓަނުގެ ބަރުދަން ހުންނަ އެ ޕްރީކާސްޓް ގާއިމުކުރެވުމަކީ އިންޖީނިއަރިން ދާއިރާއަށް ލިބުނު ކުރިއެރުމެއްކަމަށް ކޮމިޝަނުން ވިދާޅުވެއެވެ.

މި ކާމިޔާބީއަ ގުޅިގެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބް ވެސް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފައެވެ. އެ ޕޯސްޓުގައި ވަނީ މި ކާމިޔާބީއާއެކު މަސައްކަތުގެ ދުވެލި އަވަސްވެ، ތާވަލާ އެއްގޮތަށް މަސައްކަތް ނިންމޭނެކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ޖީ. ބަލަސުބްރަމާނިއަމް މި މަޝްރޫއަށް ބަހައްޓަވާ އަހަންމިއްޔަތުކަން ފާހަގަކުރައްވާ ވަޒީރު ވަނީ ސަފީރަށް ޝުކުރު އަދާކުރައްވާފައެވެ.

ތިލަމާލެ ބުރިޖުގެ މަޝްރޫއު ކުރިއަށްގެންދަނީ އިންޑިއާގެ އެގްޒިމް ބޭންކުން ދޭ 400 މިލިއަން ޑޮލަރުގެ ލޯނު އެހީގެ ދަށުންނެވެ. އެގޮތުން، އެ މަސައްކަތާ އިންޑިއާގެ އެފްކޮންސްއިން ހަވާލުވީ 2021ވަނަ އަހަރު އޯގަސްޓު މަހުގެ ތެރޭގައެވެ.

މި މަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައްވެސް ހުންނާނެއެވެ.