ބޭންކް އޮފް މޯލްޑިވްސްއިން މިއަދު ހއ. އަތޮޅުގެ 7 ރަށެއްގައި ސެލްފް-ސަރވިސް ބޭންކިންގ އޭޓީއެމް ގާއިމްކޮށް، އެ އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ހިދުމަތް ފަށައިފިއެވެ.
މިއަދު އަލަށް އޭޓީއެމްގެ ހިދުމަތް ފެށުނު ރަށްތަކަކީ އުތީމު، ތުރާކުނު، އުލިގަމު، މުޅަދޫ، މާރަންދޫ، ތަކަންދޫ އަދި މުރައިދޫއެވެ. މި އައު އޭޓީއެމްތަކުގެ ހިދުމަތް ފެށުމަށް މިއަދު އެ ރަށްތަކުގައި ބޭއްވުނު ރަސްމިއްޔާތުތަކުގައި ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓް މިނިސްޓަރު، އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޓް ޓްރޭޑް މިނިސްޓަރގެ އިތުރުން ބޭންކުގެ ސީއީއޯ އާއި މެނޭޖިންގ ޑިރެކްޓަރ، ޗެއާޕަރސަން އަދި ޗީފް ބިޒްނަސް އޮފިސަރ ބައިވެރިވެވަޑައިގެންނެވިއެވެ.
“މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް” މަޝްރޫއުގެ ދަށުން ހއ. އަތޮޅުގައި އޭޓީއެމްތައް ގާއިމްކުރެވުމާއެކު، ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަކަށް ބޭންކިން ހިދުމަތް ފުޅާކުރުމުގެ ދަތުރުގައި ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށް ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވިއެވެ. “މިއީ އަޅުގަނޑުމެން ވަރަށް އުފާކުރާ ކަމެއް. ދިރިއުޅޭ ރަށުގައި 24 ގަޑިއިރު އަސާސީ ބޭންކިންގ ޚިދުމަތްތައް ލިބޭނެ ވަސީލަތް ގާއިމުވުމާއެކު ހއ. އަތޮޅުގެ އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް، މިއަދަކީ އިންގިލާބީ ބަދަލެއް ގެނުވާނެ ދުވަހެއް.” މުހައްމަދު ޝަރީފް ވިދާޅުވިއެވެ.
ހއ. އަތޮޅުގައި ގާއިމުކުރެވުނު އޭޓީއެމްތަކުގެ ހިދުމަތާއެކު ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާގެ ގޮތުގައި ބީއެމްއެލް އިން ދެމުންދާ ހިދުމަތްތަކަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެކަމަށް ބީއެމްއެލް އިން ވަނީ ބުނެފައެވެ. މުޅި ރާއްޖެ ހިމެނޭ ބޭންކިން ވިއުގަޔަކާއެކު 20 އަތޮޅުގައި 39 ބްރާންޗް، 107 ސެލްފްސަރވިސް ބޭންކިންގ ސެންޓަރު 165 އޭޓީއެމް، އޭޖެންޓު ބޭންކިން ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިން ހިދުމަތާއެކު ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.