English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫ، މަތިކިޅި އިކޯ ގާޑަންގެ ސަރަހައްދުގައި ރޯވި އަލިފާންގަނޑު ނިއްވާލައިފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ މީދޫ ޗަސްބިން ނުވަތަ މަތިކިޅި ސަރަހައްދުގައި އަލިފާން ރޯވެފައިވާކަމުގެ ރިޕޯޓް ލިބިފައިވަނީ މިއަދު މެންދުރު 11:45 ހާއިރުކަމަށެވެ. އެއަލިފާންގަނޑު ނިއްވާލާފައިވަނީ 10 ގަޑިއިރަށްވުރެ ގިނަ އިރު ފަހުން މިރޭ 10:15 ހާއިރުއެވެ.

އަލިފާން ނިއްވުމަށްޓަކައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް، ހުޅުމީދޫ ފަޔަރ ފައިޓަރުންގެ އިތުރުން ފުލުހުންނާއި އައްޑޫ ސިޓީ ކައުންސިލް އަދި އާންމު ރައްޔިތުންވެސް ވަނީ ހަރަކާތްތެރިވެފައެވެ.

މިއަދު މެންދުރު ރޯވި އެ އަލިފާން ނިއްވާލަން ދަތިވީ އެ ސަރަހައްދަކީ ޗަސްބިން އޮންނަތަނަކަށްވެފައި އަޑީގައި ހިކި ގަސްތަކާއި ފަތްތައް ހުރުމުން ކަމަށް އެމްއެންޑީއެފުން ވިދާޅުވިއެވެ.

މަތިކިޅި އިކޯގާޑަން ސަރަޙައްދު ހިމެނޭ މި ޗަސްބިމުގައި ވަރަށް ގިނައިން އަލިފާން ރޯވުމުގެ ޙާދިސާ ހިނގާފައިވެއެވެ. އެންމެ ފަހުން މި ސަރަޙައްދުގައި އަލިފާން ރޯވެފައިވަނީ މީގެ ދެ މަސް ކުރިންނެވެ.