English Edition
Dhivehi Edition
މަތިކިޅީ ގައި މިދިޔަ ހުކުރުދުވަހު ރޯވި އަލިފާންގަނޑު:ފޮޓޯ އެމްއެންޑީއެފް

އައްޑޫ ސިޓީ މަތިކިޅީގައި މިދިޔަ ހުކުރު ދުވަހުގެ ހަވީރު ރޯވި އަލިފާންގަނޑުގައި ކުޅީގެ ބޮޑު ސަރަޙައްދެއް އަނދައި މަތިކިޅި އިކޯގާޑަންގެ ވަށައިގެން ބޮޑު ސަރަޙައްދަކުން ފެހިކަން ގެއްލިފައިވާއިރު އެ ފެހިކަން އަލުން އިޢާދަވާން ގާތްގަނޑަކަށް 6 މަސް ދުވަސް ވާނެ ކަމަށް މަތިކިޅި ސޮސައިޓީން ބުނެފިއެވެ.

މަތިކިޅި އިކޯގާޑަން: ފޮޓޯ/މަތިކިޅީ ސޮސައިޓީ

މަތިކިޅިސޮސައިޓީ އަކީ މަތިކިޅި އިކޯގާޑަން ހަދައި އެތަން ބަލަހައްޓައި އަދި އެތަން އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރާ ޖަމިއްޔާއެވެ.

ކުޅީގައި ރޯވީ އެދުވަހުގެ ހަވީރު 5:30 ހާ އިރު ހުޅުދޫ އާއި ވީ ފަރާތުންނެވެ. އަދި ރޭގަނޑު 20:40 ގައި އަލިފާންގަނޑު ނިއްވާ ކޮންޓްރޯލްކުރެވުނު އިރު ކުޅީގެ ބޮޑު ބައެއް އޮތީ އަނދައި އެއްކޮށް ހަލާކުވެފައެވެ.

 

އަލިފާނުގެ ޙާދިސާއާއި ގުޅިގެން މަތިކިޅިސޮސައިޓީން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ރޯވި އަލިފާނުގައި އިކޯގާޑަން އަށް ގެއްލުން ނުލިބުނު ކަމުގައި ވިޔަސް ގާޑަންގެ ވަށައިގެން އޮތް ރީތި ފެހިކަން ގެއްލިފައިވާ ކަމަށާއި އެ ރީތިކަން އަލުން އަންނަން 6 މަސްދުވަސް ވަރު ނަގާނެ ކަމަށެވެ.

މަތިކިޅި އީކޯ ގާޑަނަކީ، އައްޑޫ ސިޓީ މީދޫގެ އިރުމަތީ ފަޅީގައި، ބޮޑު ސަރަހައްދަކަށް ފެތުރިފައިވާ ޗަސްބިމާއި ކުޅީގެ މެދުތެރޭގައި ހަދާފައިވާ ހިތްގައިމު ރީތި ބަގީޗާއެކެވެ. މަތިކިޅީގެ އެންމެ ތަފާތު އަދި ފެންނަ ފެނުމަށް އެންމެ ރީތި ސިފައަކީ، އެއް އުސް މިނަކަށް ބޯކޮށް ހެދިފައިވާ ކާފަރުހުއި ނުވަތަ ކާފަރުބުރުން މާހައުލަށް ގެނެސްދޭ ރީތި ފެހިކަމެވެ.

މީދޫ އަދި ހުޅުދޫ އަށް ޒިޔާރަތް ކުރާ މެޙްމާނުންގެ މެދުގައި އެންމެ މަގުބޫލު އެއްތަނުގެ ގޮތުގައި ވެފައިވާ މަތިކިޅި އިކޯގާރޑަނަކީ މުޅި އައްޑޫ ސިޓީގެ ވެސް ޚާއްސަ ރަމްޒަކަށް ނުވަތަ ލޭންޑް މަރކަކަށް، ވެފައިވާ ޚާއްޞަ ތަނެކެވެ.