English Edition
Dhivehi Edition

މި ހިނގާ 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ތެރޭގައި، އައްޑޫގައި ގާއިމުކުރާ އާހޮސްޕިޓަލް ޢިމާރާތުގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތެއްވެސް ނިމިގެންދާނެ ކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

އައްޑޫ ސިޓީގައި ސަރުކާރުން ޤާއިމުކުރާ 100 އެނދުގެ ޓަރޝަރީ ހޮސްޕިޓަލްގެ މަސައްކަތާ ބެހޭގޮތުން ޕީއެސްއެމްގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް ވިދާޅުވީ ހޮސްޕިޓަލުގެ މަސައްކަތް ނިންމާ މިއަހަރުގެ ތެރޭގައި އެތަނުން އާއްމުން ރައްޔިތުންނަށް ޚިދުމަތްދެއްވާނެކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްގެ މަސައްކަތްތައް ތާވަލާއި އެއްގޮތަށް ވަރަށް ބާރަށް ކުރިއަށްދާކަމަށެވެ. އަދި ހޮސްޕިޓަލްގެ ކޮންސްޓްރަކްޝަންގެ ހުރިހާ މަސައްކަތެއް މިއަހަރުގެ ފުރަތަމަ ކުއަރޓަރގެ ތެރޭގައި ނިންމާލެވޭނެކަމަށާއި ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ގެންނަންޖެހޭ ބަދަލުތަކަށާއި، ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް ހޯދުމަށް ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ޙަރަދުވާނެކަމަށް މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ. އަދި އެ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީޒް ހޯދުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ނާޒިމް ވިދާޅުވީ، އައްޑޫ ސިޓީގައި ޓަރޝަރީ ހޮސްޕިޓަލެއް ޤާއިމުކުރުމުގެ މަސައްކަތަކީ ކުރީގެ ސަރުކާރުންތަކުންވެސް ކުރަން އުޅެ، ނުވެފައިވާކަމެއް ކަމަށެވެ. އެހެންނަމަވެސް އައްޑޫ ސިޓީގެ ރައްޔިތުންނަށް ޓަރޝަރީ ހޮސްޕިޓަލެއް ބިނާކުރުމުގެ ހަޤީޤީ މަންޒަރު ދައްކައިދިން ސަރުކާރަކީ ރައީސް ޔާމީންގެ ސަރުކާރުކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގާތްގަނޑަކަށް 21 މިލިއަން ޑޮލަރު ޚަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫޢުގެ މަސައްކަތް ސަރުކާރުން ހަވާލުކޮށްފައިވަނީ އެލިއާ ކޮންސްޓްރަކްޝަނާއެވެ.

އައްޑޫގައި ބޭއްވި ސާކްސަމިޓަށް ޚާއްޞަކޮށްގެން ތައްޔާރުކުރި ކޮންވެންޝަން ސެންޓަރު ހުރި ޢިމާރާތަށް ބޮޑެތި ބަދަލުތަކެއް ގެނެސް، ޒަމާނީ ވަސީލަތްތަކާއެކު ޓަރޝަރީ ފެންވަރުގެ ޚިދުމަތްދޭ ހޮސްޕިޓަލަކަށް އެތަން ބަދަލުކުރުމާއެކު ދެކުނު ސަރަޙައްދުގެ ސިއްޙީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ސަރުކާރުން ބުނެއެވެ.