English Edition
Dhivehi Edition

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ފާސްކުރި ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޞްދީޤުނުކޮށް އަނބުރާ ފޮނުއްވާލައްވައިފިއެވެ.

މި ބިލަކީ، މި އަހަރުގެ ފެބްރުއަރީ 26 ވީ ބުދަ ދުވަހު ބޭއްވެވި ރައްޔިތުންގެ މަޖިލީހުގެ 2025 ވަނަ އަހަރުގެ ފުރަތަމަ ދައުރުގެ 9 ވަނަ ޖަލްސާގައި ފާސްކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް، ތަޞްދީޤުކުރެއްވުމަށް ފޮނުއްވާފައިވާ ބިލެކެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމުގެ ބިލު މިދިޔަ މަހުގެ 26 ވީ ބުދަ ދުވަހު މަޖިލީހަށް ހުށަހެޅުއްވީ ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެންބަރު އަބްދުއްސައްތާރު މުހައްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 5 ވަނަ އިސްލާޙް ގެނައުމުގެ ބިލު، ޤާނޫނުއަސާސީގެ 91 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، އަލުން ވިސްނެވުމަށް އެދިވަޑައިގެން އަނބުރާ ރައްޔިތުންގެ މަޖިލީހަށް، މިއަދު ފޮނުއްވާފައިވާކަމަށެވެ

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ ބަންޑާރަ ނައިބުގެ އޮފީހުން ލަފާ ހޯއްދެވުމަށްފަހުގައެވެ.