English Edition
Dhivehi Edition
މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބު

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދޫކޮށްފައިވާ ގޯތިތައް، ބިން ހިއްކައި ނިމޭ ވަރަކުން ހަވާލުކޮށް ރަޖިސްޓްރީ ކޮށްދިނުމުގެ މަސައްކަތް ބާރަށް ކުރިއަށްދާނެ ކަމަށް ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު މިއަދު ވިދާޅުވެއްޖެއެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ، ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއު އަންނަ މެއި މަހުގެ ނިޔަލަށް ނިމޭނެ ކަމަށާއި، ބިން ހިއްކައި ނިމުމާއެކު ސާވޭކޮށް، ރަޖިސްޓްރީ ހެދުމާއި ގޯތި ހަވާލުކުރުމުގެ މަސައްކަތް އެއްކޮށް ކުރިއަށް ގެންދަވާނެ ކަމަށެވެ.

މީގެ އިތުރުން، ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ކަނޑައެޅި 5،000 ގޯއްޗަށް އެތަނުން ޖާގަ ހަމަނުވާތީ، އޭގެ ތެރެއިން ބައެއް ގޯތިތައް ގުޅިފަޅަށް ބަދަލުކޮށްފައިވާކަންވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ. މިނިސްޓަރު ވިދާޅުވީ ގިރާވަރުފަޅުގެ ލޭންޑްޔޫޒް ޕްލޭން އާންމުކޮށް ގުރުއަތު ނަގައި ނިމިފައިވީ ނަމަވެސް، އެ ގޯތިތައް ރަޖިސްޓްރީކޮށް ނުދެވި ވަނީ ބިން ހިއްކައި ނުނިމޭތީ ކަމަށެވެ. ނަމަވެސް ބިން ހިއްކައި ނިމޭ ވަރަކުން އެ މަސައްކަތް އަވަސްކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހައުސިން އެން ކޮންސްޓްރަކްޝަން މިނިސްޓްރީގެ އޮފީހުން ބުނީ ހުޅުމާލެ ފޭސް 2 އާއި ގުޅިފަޅުން ގޯތި ހަވާލުކުރުމުގެ މަސައްކަތް މިހާރުވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެގޮތުން ހުޅުމާލެއިން މިހާތަނަށް 125 ގޯއްޗެއްގެ އިން ވަކިކޮށް ހަވާލުކޮށްފައިވާއިރު، ގުޅިފަޅުން 169 ގޯއްޗެއް ވަނީ ލިބުނު ފަރާތްތަކާ ހަވާލުކޮށްފައެވެ. އަދި ގުޅިފަޅުން ދޫކުރާ ގޯތިތަކުގެ ތެރެއިން 2،972 އެގްރީމެންޓެއްގައި މިހާތަނަށް ވަނީ ސޮއިކޮށްފައެވެ.