English Edition
Dhivehi Edition

ރާއްޖޭގެ ރައްޔިތުންގެ ޙާލު އަހުވާލު ބައްލަވާ ރައްޔިތުންގެ އަރިހަށް ވަޑައިގެންނެވުމުގެ ފުރުސަތު މީގެ ކުރީގެ ރައީސުންގެ އަނބިކަނބަލުންނަށްވެސް ލިބިވަޑައިގެންނެވިކަމަށާއި އެހެންނަމަވެސް ލިބިލެއްވި ފުރުސަތުގައި އެކަނބަލުން ތިއްބެވީ ކިބުރުވެރިކަމާ ބޮޑާކަންމަތީގައިކަމަށް ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

އަރިއަތޮޅު އުތުރުބުރީ މަތިވެރީގައި “ދެންވެސް” ގެ ނަމުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން މެމްބަރު މުބީން ވިދާޅުވީ މީގެ ކުރިން މިދިވެހިރާއްޖެ ދުށް ފަރސްޓް ލޭޑީން އުޅުއްވީ ބޮޑާކަމާއެކު ލިބިލެއްވި ޝަރަފުވެރިކަމުގެ ތާޖު އަޅުއްވައިގެންކަމަށް ކަމަށެވެ.

މުބީން ވިދާޅުވީ މިއަދުގެ ފަރސްޓް ލޭޑީގެ ހިތްޕުޅުގައި ރައްޔިތުންނަށް ޚާއްސަ ލޯތްބަކާ ޤަދަރެއް ދެއްވާފައިވާކަމަށާއި، ރައްޔިތުންގެ އަރިހަށް ވަޑައިގެން ދުވަހަކުވެސް އެކަމަނާ ވަރުބަލިވެ ވަޑައިގެންނެވި މަންޒަރު ނުފެންނަކަމަށެވެ.

މުބީން ވަނީ ރައީސް ޔާމީން ވެރިކަމުގައި ހޭދަކުރެއްވި ހަތަރު އަހަރު ދުވަހު އެމަނިކުފާނު ދެއްކެވި އަދި މިހާރުވެސް ދައްކަވަމުން ގެންދަވާ ސާބިތުކަމަށް ހިތްވަރު ދެއްވާފައެވެ. ރައީސް ޔާމީންގެ ނައިބުރައީސުންނާ، އަރިހުގައި މަސައްކަތް ކުރެއްވި ވަޒީރުންނާ، މަޖިލިސް މެމްބަރުންވެސް ހަރާންކޯރުވެ ވަޑައިގެންނެވި އިރުވެސް އެކަންކަން ކަޑައްތު ކުރެއްވީތީ ރައީސް ޔާމީންގެ ވިޜަން ހާމަވެގެންދާކަމަށް މުބީން ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ޔާމީން ތަރައްޤީ ގެންނަވަމުންދަނީ އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ ބޮލުގައި އެޅުވި 300 މިލިއަން ޑޮލަރުގެ ބޮޑު ދަރަނިވެސް ދައްކަވާފައިކަމަށް މުބީން ވިދާޅުވިއެވެ. އެފަދަ ދަރަނިތައް ދައްކަވަން ޖެހިވަޑައިނުގެންނެވި ނަމަ އެފައިސާއިން އެތައް ރަށެއްގެ ނަރުދަމާއާ ބަނދަރުތައް ތަރައްޤީ ކުރެވުނީސްކަން މުބީން ފާހަގަކުރެއްވިއެވެ.