މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ، މީރާގެ އޮންލައިން ޕޯޓަލް ވާރުޕޭ މެދުވެރިކޮށް ހެޔޮކަންކަމަށް ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މި ޕްރޮގްރާމް އިފްތިތާޙްކޮށްދެއްވީ މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރުއެވެ.
ވާރުޕޭ މެދުވެރިކޮށް ހެޔޮ ކަންކަމަށް ހޭދަކުރުމަށް އަލަށް ތަޢާރަފްކުރި ކަންތަކުގެ ތެރޭގައި މިސްކިތް ބިނާކުރުމާއި މިސްކިތްތައް މަރާމާތު ކުރުމާއި ޤުރުއާން މަރުކަޒުތައް ޤާއިމްކުރުމާއި ހެޔޮ އެކި ކަންކަމަށް ޙައިރާތުގެ ގޮތުގައި ޞަދަޤާތް ކުރުމުގެ ފުރުސަތު ހިމެނެއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސްޒޭޝަން ހަސަން ޒަރީރު ވިދާޅުވީ، ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި މިކަން ހަޤީޤަތަކަށް ހެދިގެން ދިޔަކަމީ ވަރަށް އުފާކުރާކަމެއްކަމަށާއި މިކަމަކީ ވަޒީރުގެ ދުރުވިސްނުމާއެކު ކުރިއަށް ގެންދެވުނު ވަރަށް މުހިއްމު މަސައްކަތެއްކަމަށެވެ. އަދި މިކަން ހަޤީޤަތަކަށް ހެދުމަށްޓަކައި މީރާއާއި ވުޒާރާގެ ކަމާއި ގުޅޭ މުވައްޒަފުން ކުރެއްވި މަސައްކަތަކަށްޓަކައި ޝުކުރު އަދާކުރައްވާފައިވެއެވެ.
“ފާއިތުވެދިޔަ ހަފްތާގައި ބޭއްވުނު މަޝްވަރާ ބައްދަލުވުމެއްގައި ހުށައެޅުއްވިކަމެއް ކުޑަ މުއްދަތެއްގެ ތެރޭގައި ނިންމަވާ ހަޤީޤަތަކަށް ހެއްދެވީތީ މީރާގެ ވެރިންނަށާއި މުވައްޒަފުންނަށް ޝުކުރު އަދާކުރަން. ދިވެހިންނަކީ ހެޔޮކަންކަމަށް ހޭދަކުރުމަށް ޝައުޤުވެރިކަން ހުރި ބައެއް. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި މުސްލިމުންނަށް އެހީތެރިވުމަށް ދިވެހިން ކުރަމުން ގެންދާ މަސައްކަތްތައް ފާހަގަ ކުރަން” ވަޒީރު ވިދާޅުވިއެވެ.
މީގެ އިތުރުން ވަޒީރު ވިދާޅުވީ ރާއްޖޭން ބޭރުގެ އެކި ކަންކަމަށް އެހީތެރިވާ ފަދައިން ރާއްޖޭގެ އެތެރޭގައި ހުރި އެކި ހެޔޮ ކަންކަމަށްވެސް ހޭދަކުރުމަކީ މުހިއްމު ކަމެއްކަމަށާއި އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި މިސްކިތްތައް ބިނާ ކުރުމާއި ޤުރުއާން ކުލާސްތަކާއި ލައިބްރަރީތައް ޤާއިމް ކުރުން ފަދަ މުހިއްމު ކަންކަން ކުރަން ޖެހިފައި އެބަހުރިކަމަށެވެ