ގެދޮރުވެރިޔާ ސްކީމްގެ ދަށުން ޢިމާރާތްކޮށްފައިވާ ހަތަރުހާސް ފްލެޓުގެ ތެރެއިން ޝަރުތުހަމަވެ ފްލެޓު ލިބެނީ 1820 މީހުންނަށްކަމަށް ގެދޮރުވެރިކަމާބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި މިނިސްޓަރު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ފަހު ދުވަސްކޮޅު ނެރުނު 4،000 ފްލެޓް ލިބޭ މީހުންގެ ލިސްޓުގައި ތިން ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައި އޮތީ 76 ޕޮއިންޓުން މަތިން މާކްސް ލިބޭ މީހުން ކަމަށެވެ. އަދި ބާކީވާ ފްލެޓްތައް 75 ޕޮއިންޓު ލިބޭ މީހުންގެ މެދުގައި ގުރު ނަގަން ނިންމާފައިވެ އެވެ. އަދި ދެ ކޮޓަރީގެ ފްލެޓަށް ޝަރުތު ހަމަވާން އޮތީ 73 ޕޮއިންޓު ލިބިގެންނެވެ.
ވަޒީރު ވިދާޅުވީ ވެރިފިކޭޝަން މަރުހަލާއަށްފަހު ނަތީޖާއަށް ބަލާއިރު 3 ކޮޓަރީގެ ލިސްޓުގައި ހިމެނޭ 3721 މީހުންގެތެރެއިން ޝަރުތު ހަމަވެ 75 ޕޮއިންޓު ލިބިފައިވަނީ 1423 މީހުންނަށް ކަމަށެވެ. އަދި 2 ކޮޓަރީގެ ލިސްޓުގައިވާ 1218 މީހުންގެ ތެރެއިން ޝަރުތުހަމަވެ 73 ޕޮއިންޓުލިބިފައިވަނީ 397 މީހުންނަށް ކަމަށެވެ.
ވަޒީރު ވިދާޅުވީ އެންމެ އިސްކަންދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ސިޔާސަތާއި އޭސީސީގެ ތަހުގީގަށް ރިޔާއަތްކޮށް 15 ނޮވެމްބަރު 2023ގައި ގެޒެޓުކުރި ލިސްޓު ވެރިފައިކުރުމަށްކަމަށެވެ. މި ވެރިފިކޭޝަން ކުރިއަށްގެންދިޔައީ 26 ޖޫން 2022ގައި ޢާންމުކޮށް ގެޒެޓުކުރި ގެދޮރުވެރިޔާ އުސޫލަށާއި، ގެދޮރުވެރިޔާ ޕޯޓަލްގައި ހިމަނާފައިވާ އިރުޝާދުތަކަށް މައިގަނޑުގޮތެއްގައި ބަލައިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.
” ކުރީގެ ސަރުކާރުން އިއުލާންކުރީ 3 ކޮޓަރިނަމަ 76 ޕޮއިންޓު ލިބުނު މީހުންނަށް ފްލެޓު ލިބޭނެކަމަށް. އަދި ބާކީ 3 ކޮޓަރީގެ ފްލެޓުތައް ގުރުއަތަކަށް ދިއުމަށް. އެގޮތުން 75 ޕޮއިންޓަށްވުރެ މަތިން ފްލެޓު ލިބޭނެކަމަށް އެ ލިސްޓުގައި ހިމަނާފައިވަނީ 3721 މީހުން. ނަމަވެސް 3 ކޮޓަރީގައި ޢިމާރާތް ކުރަމުންދަނީ 2750 ފްލެޓު” ވަޒީރު ވިދާޅުވިއެވެ.
މުއްތަލިބު ވިދާޅުވީ 2،695 މީހެއްގެ ފޯމް ޝަރުތު ހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ކަމަށެވެ. އަދި 424 ފަރާތެއްގެ ޕޮއިންޓުތަކަށް އައި ބަދަލާ އެކު ފްލެޓް ލިބޭ މީހުންގެ ލިސްޓުން އެމީހުން އުނިވެފައިވާ ކަމަށް ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ފްލެޓު ލިސްޓުގައި އޮތް އެންމެ ބޮޑު މައްސަލައަކީ ފްލެޓު ހޯދުމަށް ހުށަހަޅާފައިވާ ލިޔެކިޔުންތަކުގެ މައްސަލަ އެވެ. މިސާލަކަށް މާލޭގައި 15 އަހަރު އުޅުން ކަމަށް ދެއްކުމަށް ކައުންސިލުތައް މެދުވެރިކޮށް ލިޔުން ހޯދާފައިވާ ބައެއް ފަރާތްތަކަކީ މާލޭގައި އެ މުއްދަތުގައި ނޫޅޭ ފަރާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.
މާލޭގައި އުޅުންކަން ސާބިތުކޮށްފައި ވަނީ މާލޭގެ ގެތަކުން ދީފައިވާ ލިޔުންތަކާއި ކައުންސިލުން ހެކި ދީގެން ކަަމަށް ވަޒީރު ވިދާޅުވި އެވެ. އަދި އެއްވެސް ލިޔުމެއް ނެތްއިރު ވެސް، 8 ޕަސެންޓް މީހުން ފްލެޓް ލިބޭ ލިސްޓަށް އަރުވާފައިވާ ކަމަށް ވަޒީރު ވިދާޅުވި އެވެ.
ވަޒީރު ވިދާޅުވީ ފްލެޓަށް އެދި ހުށައަޅާފައިވާ ލިޔުންތަކާއި ދީފައިވާ މައުލޫމާތުތަކަށް ރިޔާޢަތްކޮށް ސަރުކާރުގެ ހުރި ޑޭޓަކަށްބަލައި އެ ފޯމުތައް ސައްޙަތޯ ބަލާފައިވާކަމަށެވެ. އަދި ފްލެޓު ލިސްޓާމެދު އެއްވެސް ޝަކުވާއެއް އޮތްނަމަ ސިޓީ ނުވަތަ އީމެއިލުން އެ ވުޒާރާއަށް ހުށައެޅޭނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.