ސައުތު އޭޝިޔާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ) އިން އިންތިޒާމުކުރި 3 ވަނަ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތުން، ފުރަތަމަ ފަހަރަށް ދިވެހިރާއްޖެއަށް ރިހި މެޑަލް ހޯދައިދިން ޤައުމީ އަންހެން ބާސްކެޓްބޯޅަ ޓީމަށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަހުނިޔާ ވިދާޅުވެއްޖެއެވެ،
“އެކްސް”ގެ އެމަނިކުފާނުގެ ރަސްމީ އެކައުންޓުގައި ހިއްސާކުރެއްވި ތަހުނިޔާގެ މެސެޖުގައި އެމަނިކުފާނު ވަނީ، މުބާރާތުގެ ފައިނަލުގައި ދިވެހިރާއްޖެ އާއި އިންޑިއާ ވާދަކުރި މެޗުގައި ދިވެހި ޤައުމީ ޓީމުން ދެއްކި ރީތި ކުޅުމާއި ކުރި ހިތްވަރަށް ސާބަސް ދެއްވާފައެވެ.
އިންޑިއާއާއި ނޭޕާލާއި ރާއްޖެ ވާދަކުރި މި މުބާރާތުގެ ފައިނަލަށް ރާއްޖެ ދަތުރުކުރީ އެންމެ ފަހުގެ ރަނަރަޕް ނޭޕާލު ބަލިކުރުމަށްފަހުއެވެ. ރޭ ކުޅުނު މުބާރާތުގެ ފައިނަލުގައި އިންޑިއާއިން ރާއްޖޭގެ މައްޗަށް ކުރިހޯދީ 107-32 ޕޮއިންޓުންނެވެ. މުޅި މެޗުގައި ރާއްޖެއިން އެންމެ ރަނގަޅަށް ކުޅުނީ 7 ޕޮއިންޓް ހޯދި ރައިފާ އިބްރާހީމެވެ. ދެން ރާއްޖޭގެ ޓީމުން އެންމެ ގިނަ ޕޮއިންޓް ހޯދީ 6 ޕޮއިންޓް ހޯދި އައިމިނަތު ޝިއުރާ އަބްދުލް ބާރީ އާއި އީހައު ޝަމީމެވެ.
މިއީ ސާބާ އަންހެން ބާސްކެޓްބޯޅަ މުބާރާތަކުން ދިވެހި ޓީމަށް ރިހި މެޑަލް ލިބުނު ފުރަތަމަ ފަހަރެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތީން ދިވެހި ޤައުމީ ޓީމުން ވަނީ މި މުބާރާތުގެ ލޯ މެޑަލް ހޯދާފައެވެ. އެއީ 2016 ވަނަ އަހަރާއި 2022 ވަނަ އަހަރުގައެވެ.