ކުރިއަށް އޮތް ރަމަޟާންމަހަށް ޚާއްސަކޮށްގެން ހުޅުމާލޭގައި 100 އެއްހައި ކާރު ޕާކުކުރެވޭނެ ވަގުތީ ޕާކިން ސަރަހައްދެއް ހަދައި އެތަަން އާންމުނަށް ބޭނުންކުރެެވޭ ގޮތަށް ހުޅުވައިފިއެވެ.
ރަމަޟާން މަހު ޕާކިންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ފޭސް 1 ގައި ޤާއިމުކުރި ވަގުތީ ޕާކިން ސަރަޙައްދާއެކު، ޕާކު ކުރުމަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ދަތުރު ފަތުރާއި މަދަނީ އުދުހުންތާކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.
މި ތަން ޤާއިމުކޮށްފައިވަނީ ހުޅުމާލޭ ފޭސް އެކެއްގައި ހުންނަ މަސްޖިދުލް ވާލިދައިން ކައިރީގައެވެ.
“އަޅުގަނޑު އުންމީދުކުރަނީ މިހާރުވެސް ހުރިހާ ބޭފުޅުން ދެއްވަމުން ގެންދަވާގޮތަށް މި މައްސަލަ ހައްލުކުރުމަށް އެއްބާރުލުން ދިނުން. ކުރިއަށް އޮތްތާނގައި މިހާރު އޮތް ހާލާތުން އެހެން ހާލާތަކަށް ބަދަލުވެ، އަދި ދާއިމީ ގޮތުން ޕާކު ކުރާނެ ނިޒާމެއް ސަރުކާރުގެ ޕްލޭނާއި އެކީގައި ކުރިއަށް ގެންދެވޭނެ.” ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ، ރަމަޟާންމަހަކީ އާންމުކޮށް މިސްކިތްތަކުގެ ކައިރީގައި ޕާކިންގެ މައްސަލަ ވަރަށް ބޮޑުވާ ދުވަސްވަރެއްކަމަށާއި ސުކޫލްތައް ކުޑަ ވަގުތުކޮޅަކަށް ހުޅުވާފައި ހުއްޓަސް ވަރަށް ގިނަ ޓްރެފިކް މައްސަލަ ދިމާވާކަމަށެވެ. އެހެންކަމުން އެފަދަ ތަނެއްގެ ސަބަބުން ރަމަޟާންމަހަށް ޚާއްސަކޮށް ހުޅުމާލޭގައި އުޅޭ ރައްޔިތުންނަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެކަމަށެވެ.
މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވިދާޅުވީ، ވަގުތީ ގޮތުން ޕާކު ކުރުމަށް ކަނޑައެޅި ސަރަޙައްދަކީ ރަމަޟާންމަހަށް ފުލުހުން ކުރަމުން އަންނަ މަސައްކަތަށް ލިބިގެން ދިޔަ ފަސޭހައެއްކަމަށެވެ. ހުޅުމާލެ މާލެއަށް ގިނަ ބަޔަކު ޒިޔާރަތް ކުރާ ކަމަށާއި މަގުތައް އަމާންކޮށް ބޭއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޝުޖާއު ވިދާޅުވިއެވެ.
ޝުޖާޢު ވިދާޅުވީ، ރަމަޟާން މަހަކީ ފުލުހުންގެ ޚިދުމަތް އިތުރަށް ފުޅާކޮށް މަސައްކަތް ކުރިއަށް ގެންދާ މަހެއްކަމަށެވެ. އެގޮތުން މި އަހަރުވެސް މާލެ، ހުޅުމާލޭގައި ދިރިއުޅޭ ފަރާތްތަކަށް އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާކަމަށް ސީޕީ ވިދާޅުވިއެވެ.