ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ލިސްޓު. އަންނަ ބުރާސްފަތި ދުވަހު އާންމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިކަން ހާމަކުރެއްވީ ދ. ހުޅުދެލީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.
މިޖަލްސާގައި ރައީސް ވިދާޅުވީ ފްލެޓް ލިބޭ މީހުންގެ ލިސްޓު މި އަންނަ ބުރާސްފަތީގައި އާންމުކުރެވޭނެ ކަމަށާއި އެ ލިސްޓުގައި ލިބޭ މީހުންގެ މައުލޫމާތުގެ އިތުރުން ނުލިބޭ ނަމަ، ނުލިބޭ ސަބަބު ވެސް ބަޔާންކޮށްފައިވާނެ ކަމަށެވެ.
ފްލެޓް ލިސްޓާ ބެހޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ ރަމަޟާންމަހުގެ ކުރިން 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓު އާންމުކުރައްވާނެކަމަށް އެކި ފަހަރުމަތިން ދެންނެވިނަމަވެސް އެކަމާ ބައެއް ފަރާތްތަކުން ސުވާލު އުފައްދަމުންދާކަމަށެވެ. އެހެންނަމަވެސް ރަމަޟާންމަހުގެ ކުރިން ލިސްޓު އާންމުކުރައްވާނެކަމަށް ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވިދާޅުވި ވިދާޅުވުން ތަކުރާރުކުރައްވާ ރައީސް ވަނީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން އަންނަ ބުރާސްފަތި ދުވަހު ފްލެޓް ލިސްޓު އާންމުކުރައްވާނެކަމަށް ވިދާޅުވެފައެވެ.
ރައީސް ވިދާޅުވީ އެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް ހުޅުވާލާނެކަމަށެވެ
“ރާއްޖޭގެ ރަށްރަށަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކޮށްދެއްވުމަކީ މި ސަރުކާރުގެ އެންމެ މުހިންމު ވަޢުދު. އެ ވަޢުދު ފުއްދާނަން. އަދި މާލެއާއި އަތޮޅުތަކުގައިވެސް ހައުސިންގ މަޝްރޫޢުތައް މި ދައުރުގެ ތެރޭގައި ހިންގާނެކަމުގެ ޔަޤީންކަން ދެން” ރައީސް ވިދާޅުވިއެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލެ 2 ގައި އިމާރާތްކުރަން ފެށި 4،000 ފްލެޓު ލިބޭ މީހުންގެ ލިސްޓު، ސަރުކާރު ބަދަލުވާން އެއް ދުވަހަށް ވެފައި އޮއްވައި އިއުލާންކުރި އެވެ. އެކަމަކު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ފްލެޓްތައް ހަވާލުކުރުން ހުއްޓުވީ އެވެ.
ފްލެޓުތަކާ ގުޅިގެން އޭސީސީ އަށް ހުށަހެޅި ޝަކުވާތަކާ ހެދި ކުރި ދެ މަސް ދުވަހުގެ ތަހުގީގުން އެނގޭ ގޮތުގައި ފްލެޓް ލިބޭ ކަމަށް އާންމުކުރި ދާއިމީ ލިސްޓުގައިވާ 4،000 މީހުންގެ ތެރޭގައި ހިމެނޭ 60 ޕަސެންޓް މީހުންނަކީ މަކަރާއި އޮޅުވައިލުމުގެ ތެރެއިން ފްލެޓް ކަށަވަރުކުރި މީހުންނެވެ. އެއީ ހައްގުވެރިން ނޫން ކަމަށް އޭސީސީން ބުނެފައިވެ އެވެ.
އެހެންވެ، އޭރު އޭސީސީން ހައުސިން މިނިސްޓްރީ އަށް އެންގީ ފްލެޓް ލިސްޓު އަލުން މުރާޖައާ ކުރާށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ ހުރިހާވެސް އަމާޒެއްހުރީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް އެގޮތުގައި ފުއްދުމަށްކަމަށެވެ. އަދި ކުރިއަށްއޮތް ދުވަސްތަކަކީ ތަރައްޤީގެ ކަންކަން ބާރު ދުވެލީގައި ކުރިއަށްދާނެ ދުވަސްތަކަކށް ވެގެންދާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.