ކުރިއަށް އޮތް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ކުޑަހުވަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިރޭ ރައީސް ވިދާޅުވީ މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަފުޅު ދައްކަމުން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ ވިދާޅުވެފައިވާނެ ކަމަށެވެ.
“އަޅުގަނޑު މި ވާހަކަ މީގެކުރިންވެސް ވާނީ ދަންނަވާފައި. މިދިޔަ އަހަރުގެ 8 ޑިސެމްބަރުގައި އއ. މަތިވެރީގައި ވާހަކަ ދައްކަމުން އަޅުގަނޑު ދެންނެވިން ކުރީ ރަމަޟާންމަހު ދިންގޮތަށް މި ފަހަރުވެސް ރަމަޟާންމަހުވެސް ކަރަންޓު ބިލުންނާއި ފެން ބިލުން ޑިސްކައުންޓް ދޭނަމޭ. ހަމައެކަން އެގޮތަށް ކުރިއަށްގެންދާނަން” ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މިފަހަރު މަސްދަޅު ކޭސް ރައްޔިތުންނަށް ހަދިޔާކުރުމާއި ގުޅޭގޮތުންވެސް ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެދޭގޮތަށް ބައެއް ފަރާތްތަކުން ވާހަކަތައް ފަތުރަމުންދާ ކަމަށެވެ. އެގޮތުން މަސް ދަޅު ކޭސް ހަދިޔާކުރުމަށްފަހު އެކަމަށް ހިނގި ޚަރަދު ކަރަންޓު ބިލުތަކުން ނެގުމަށް ސަރުކާރުން ރާވާފައިވާކަމަށް ބުނެ ހަޤީގަތާއި ޚިލާފު ވާހަކަތައް ފަތުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.