English Edition
Dhivehi Edition

ފޭދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެ އެކަކަށް ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދޭން ފަށައިފިއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ފޭދޫގައި ހުންނަ ޕީޕީއެމް އޮފީސް ކުރިމަތީގައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗުއާރުއެޗު) ގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނީ އުމުރުން 18 އަހަރުގެ ޒުވާނަކަށެވެ. މުހައްމަދު އަސްވާގު ނަމަކަށްކިޔާ އެޒުވާނާގެ ބޯވަނީ ވަރަށްބޮޑަށް ޒަޚަމްވެފައެވެ.

ހިތަދޫ ރީޖަނަލް ހޮސްޕިޓަލް ހިންގެވުމާ ހަވާލުވެ ހުންނެވި ސީނިއާ ކޮމިޔުނިޓީ ހެލްތު އޮފިސަރު މުހައްމަދު ނަޖީބު ވިދާޅުވީ އެކްސިޑެންޓުގައި އަނިޔާވެގެން ގެނައި 18 އަހަރުގެ ކުއްޖަކަށް އައިސީޔޫގައި ފަރުވާ ދެމުން ގެންދާ ކަމަށެވެ.

“އަށާރަ އަހަރުގެ ކުއްޖާއަށް ފަރުވާ ދެމުންދަނީ އައިސީޔޫގައި. އޭނާގެ ބޯ ފަޅައިގެންގޮސް ސިކުނޑިއަށް ލޭފައިބަނީ ކަމަށް ޑޮކްޓަރުން ލަފާކުރައްވަނީ. އޭނާގެ އިތުރަށް ސޯޅަ އަހަރުގެ ކުއްޖަކަށްވެސް ގެންދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން. އޭނާގެ ހާލު ސީރިއަސްއެއް ނޫން. އެކަމަކު އޭނާގެ ގައިގެ ބައެއްތަންތަނުންވަނީ މަށައިގެންގޮސްފައި،” ނަޖީބު ވިދާޅުވިއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި 16 އަހަރުގެ ކުއްޖާގެ ނަމަކީ އިނާންއެވެ. އޭނާއަކީވެސް ހިތަދޫ ކުއްޖެކެވެ. އެކުދިން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ 10:30 ގައެވެ.

މި އެކްސިޑެންޓު ހިނގާފައިވަނީ ހިތަދޫ ދެކުދިން ދުއްވި ސައިކަލް ކޮންޓްރޯލް ނުވެގޮސް ހިނގާފައިދިޔަ މީހެއްގެ ގައިގައި ޖެހުމުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ މީހާއަށް ފަރުވާ ދެމުން ގެންދަނީ ފޭދޫ ސިއްހީ މަރުކަޒުގައެވެ. އޭނާގެ ބޮލާއި ގައިގެ ބައެއްތަންތަނުން މަށައިގެން ގޮސްފައިވާ ކަމަށްވެސްވަނީ މައުލޫމާތު ލިބިފައެވެ.