English Edition
Dhivehi Edition
ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގެ ތެރެއިން މިއަހަރު ރެހެންދި އެވޯޑު ހާސިލް ކުރެއްވި ފަރާތްތަކާއި ރައީސް ގެ ދެކަނބަލުން އަދި ނައިބްރައީސް

މި އަހަރުގެ ރެހެންދި އެވޯޑް ހަ އަންހެނަކަށާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އަށް ދީފިއެވެ.

2014ވަނަ އަހަރުން ފެށިގެން މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ކޮންމެ އަހަރަކު ދެމުން އަންނަ “ރެހެންދި އެވޯޑު”ގެ މަޤްޞަދަކީ ޤައުމީ ހިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި، ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީއަށާއި މުޖުތަމަޢު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ ޙައްޤުތައް ރައްކާތެރިކުރުމަށާއި، އަންހެނުންގެ ކުރިއެރުމަށް ވަކި ފަރުދުންނާއި މުއައްސަސާތަކާއި، ޖަމުޢިއްޔާތަކާއި ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަން ކުރުމެވެ.

އަންހެނުންގެ މަސައްކަތްތަކާއި ހިދުމަތްތައް ފާހަގަކޮށް ދޭ “ރެހެންދި އެވޯޑް” ދީފައި ވަނީ މި އަހަރުގެ އަންހެނުންގެ ދުވަސް ފާހަގަކުރަން ބޭއްވި ބައިނަލްއަގުވާމީ އަންހެނުންގެ ދުވަހުގެ ރަސްމީ ޖަލްސާގައެވެ. އެ ޖަލްސާ ޝަރަފުވެރިކުރައްވައި އެވޯޑު ހަވާލުކޮށްދެއްވާފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

މި އަހަރުގެ ރެހެންދި އެވޯޑް ހާސިލުކޮށްފައި ވަނީ:

  • ލީޑާޝިޕް އެންޑް ގަވަނަންސް ދާއިރާއިން ރުޤިއްޔާ އިބްރާހީމް
  • އިޖުތިމާއީ ދާއިރާއިން ޙުސްނާ ފަހުމީ
  • އިޖުތިމާއީ ދާއިރާއިން އައިމިނަތު އިބްރާހީމް
  • އިޖުތިމާއީ ދާއިރާއިން ރަޝީދާ އިބްރާހީމް
  • އިޖުތިމާއީ ދާއިރާއިން ޒީނާ ޒާހިރު
  • ނޮން ޓްރަޑަޝަނަލް ރޯލްސް އަދާކުރުމުގެ ދާއިރާއިން އައިމިނަތު ޝިމާނީއެވެ.

މީގެ އިތުރުން އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން އެމްޓީސީސީއަށް ވެސް ވަނީ ރެހެންދި އެވޯޑް ދީފައެވެ. މިއީ ވޭތުވި އަހަރުތަކުގެ ތެރޭގައި އާންމުކޮށް އަންހެނުން އަދާނުކުރާ ވަޒީފާތަަކަށް މީހުން ނެރެން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށް އެ ކުންފުންޏަށް ދިން އެވޯޑެކެވެ.