English Edition
Dhivehi Edition

އަންހެނުން ބާރުވެރިކުރުމުގެ ދާއިރާއިން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ (އެމްޓީސީސީ)އަށް ރެހެންދި އެވޯޑު ދީފިއެވެ.

ރެހެންދި އެވޯޑަކީ ގައުމީ ޚިދުމަތުގައި އެކިއެކި ދާއިރާއިން އަންހެނުން ކުރާ މަސައްކަތްތަކާއި މުޖުތަމައު ބިނާ ކުރުމަށް އަންހެނުން އަދާކުރާ ދައުރާއި މުޖުތަމައުގައި އަންހެނުންގެ ހައްގުތައް ރައްކާތެރިކުރުމަށާއި ކުރިއެރުވުމަށް ވަކި ފަރުދުންނާއި ޖަމިއްޔާތަކާއި ޖަމާއަތްތަކުން ކުރަމުންދާ މަސައްކަތްތަކާއި ރާއްޖޭގެ ގައުމީ ތަރައްގީއަށާއި އަންހެނުންގެ ކުރިއެރުމަށް އަގުހުރި ޚިދުމަތްތައް ކޮށްދީފައިވާ ފަރާތްތަކުގެ އަގު، ޤައުމީ ފެންވަރެއްގައި ވަޒަންކުރުމުގެ ގޮތުން، ޖެންޑާ މިނިސްޓްރީން ކޮންމެ އަހަރަކު ދެމުން ގެންދާ ޙާއްސަ އެވޯޑެކެވެ.

އެމްޓީސީސީއަށް މި އެވޯޑު ލިބިފައިވަނީ ވޭތުވި އަހަރުތަކުގެ ތެރޭގައި އާންމުކޮށް އަންހެނުން އަދާނުކުރާ ވަޒީފާތަަކަށް މީހުން ނެރެން ކޮށްފައިވާ މަސައްކަތުގެ އަގު ވަޒަންކޮށްފައެވެ.

އެވޯޑު ދިނުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވަވަމުން ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ އަންހެނުން ބާރުވެރިކުރުމުގައި އެމް.ޓީ.ސީ.ސީގެ ފަރާތުން ކުރަމުން އަންނަނީ، ތަޢުރީފު ޙައްޤު މަސައްކަތްތަކެއްކަން ފާހަގަކުރައްވާ އެކުންފުނިން ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ.

މީގެ ިއތުރުން އެމަނިކުފާނު ވަނީ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ކުރާ މަސައްކަތްތަކަކީ މިންތީ ހަމަހަމަކަމަށް ރިޢާޔަތްކުރެވިފައިވާ މަސައްކަތްތަކަކަށް ހެދުމަށްޓަކައި މިންގަނޑުތަކެއް ކަނޑައަޅުއްވާފައިވާ އިދާރާތަކެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުން ފެށިގެން ސަރުކާރުގެ ހުރިހާ އިދާރާތަކުންވެސް މި މޮޑެލްއާ އެއްގޮތަށް މަސައްކަތްތައް ރާވައި، ރާއްޖޭގައި މިންތީގެ ހަމަހަމަކަން ޤާއިމުކުރުމަށް ކުރާ މަސައްކަތްތައް ހަރުދަނާކުރުމަށް އެމަނިކުފާނު ވަނީ އިލްތިމާސްކުރައްވާފައެވެ.

އެމްޓީސީސީގެ އިތުރުން މިއަހަރުގެ ރެހެންދި އެވޯޑު 6 އަންހެން ކަނބަލަކަށް ވެސް ވަނީ ލިބިލައްވަވާފައެވެ.