English Edition
Dhivehi Edition
އައްޑޫގައި ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން -- ފޮޓޯ ބީއެމްއެލް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ކާމިޔާބީގެ ދަތުރުގައި އައްޑޫސިޓީ އަކީ ހާއްސަ މަގާމެއް ލިބިފައިވާ ތަނެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފު މިހެން ވިދާޅުވީ އައްޑޫއަށް ބީއެމްއެލްގެ ޑޮލަރު އޭޓީއެމް ތައާރަފު ކުރުމަށް ބޭއްވި ހަފުލާގައި އައްޑޫ ސިޓީގެ ރައްޔިތުންނާ ވާހަކަ ދައްކަވަމުންނެވެ.

އަތޮޅުތަކުގެ ތެރެއިން ބީއެމްއެލްގެ އެންމެ ފުރަތަމަ ބްރާންޗު ހުޅުވީވެސް އައްޑޫ ސިޓީގައެވެ. އަދި މިހާރު އައްޑޫ ސިޓީގައި ބީއެމްއެލްގެ ތިން ބްރާންޗާއި ނުވަ އޭޓީއެމާއި ކަނެކްޓް ސެންޓަރެއް ހުރިއިރު، މާލެ ފިޔަވައި ބީއެމްއެލްގެ އެންމެ ގިނަ މުވައްޒަފުން ވެސް މަސައްކަތް ކުރަނީ އައްޑޫ ސިޓީގައެވެ.

އައްޑޫއަށް އުފަން ޝަރީފް ވިދާޅުވީ ޔޫއެސްޑީ އޭޓީއެމްގެ ޚިދުމަތް އައްޑު އަށް ތައާރަފު ކުރުމަކީ، އައްޑޫގެ ރައްޔިތުންނަށް ހިދުމަތް ކުރުމަށް ބީއެމްއެލް އިން އެޅި އިތުރު ފިޔަވަޅެއް ކަމަށެވެ. އެ ހިދުމަތާ އެކު، ބޭންކުގެ ރަސްމީ މަސައްކަތު ގަޑިތަކުން ބޭރުގައި ވެސް ޔޫއެސްޑީގެ މުއާމަލާތް ކުރެވޭނެ ކަމަށް ޝަރީފު ވިދާޅުވި އެވެ.

:”ޔޫއެސް ޑޮލަރުގެ ހިދުމަތަކީ އައްޑު އާއި އައްޑޫގެ ރައްޔިތުންނާއި ބީއެމްއެލްއާ ދެމެދު އޮތް ދުވަސްވީ ގުޅުމުގެ ލާމަސީލު ރަމްޒެއް” ޝަރީފު ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ މިއީ އާންމު ފަރުދުންނާއި ވިޔަފާރިވެރިންނަށް އިތުރު ފަސޭހަތަކެއް ގެނެސްދޭނެ ހިދުމަތެއްކަމަށާއި މުޅި ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމާއި އަދި ބައެއް ރަށްތަކުގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ ސަރުކާރުގެ އެހީތެރިކަމާ އެކު ރައީސުލްޖުމްހޫރިއްޔާގެ ހާއްސަ އިރުޝާދުގެ ދަށުން ހިންގޭ ޕްރޮޖެކްޓެއްކަމަށެވެ.

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން ޝަރީފް ވިދާޅުވީ ގެސްޓްހައުސް ފައިނޭންސިންއަށް ގެނައި ބަދަލަކީ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލު ކަމަށެވެ.

ގެދޮރާ ގުޅޭ ފައިނޭންސިންގެ އިތުރުން، ވިޔަފާރިތަކަށް ދޫކުރާ ފައިނޭންސަށް ވެސް ލުއި ބަދަލުތަކެއް ބީއެމްއެލުން ތައާރަފުކުރީ މިދިޔަ ހަފުތާގައެވެ. ޝަރީފް ވިދާޅުވީ މީގެ ތެރެއިން އައްޑޫގެ ރައްޔިތުންނަށް އެންމެ މުހިންމު އެއް ބަދަލަކީ ގެސްޓްގައުސް ފައިނޭންސިންއަށް ގެނެސްފައިވާ ބަދަލު ކަމަށެވެ.

“ކަސްޓަމަރުންނަށް މީގެ ކުރިން ދިމާވާ އެންމެ ބޮޑު ދައްޗަކީ މި ފަދަ ލޯނަކަށް އެދި ހުށަހަޅާއިރު، އިތުރު އިމާރާތާ ގޯތި ރަހުނު ކުރަން ޖެހުން ކަމަށެވެ. އެހެން ނަމަވެސް ބީއެމްއެލުން ގެނައި ބަދަލާއެކު، މިހާރު އިމާރާތްކުރާ ގެސްޓްހައުސް މޯގޭޖު ކުރުމަށްފަހު، އިތުރު ރަހުނަކާ ނުލައި، އެ ޕްރޮޖެކްޓުގެ 70 ޕަސެންޓާ ހަމަޔަށް ފައިނޭންސިން ހަމަޖެހިގެންދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

ޝަރީފް ވިދާޅުވި ގޮތުގައި، މި ބަދަލުތަކުގެ ތެރެއިން ބައެއް ކަންކަން ފަރުމާކޮށްފައިވަނީ އައްޑޫ ސިޓީފަދަ ސަރަހައްދުތަކަށް ޚާއްސަކޮށް، ގެދޮރުވެރިކަން ހޯދުމަށް އެހީތެރިވުމަށާއި، ގެސްޓްހައުސް އިމާރާތްކުރުމަށާއި ވިޔަފާރިތައް ކުރިއަރުވަން ބޭނުންވާ ފަރާތްތަކަށް ފަހި ފުރުސަތުތަކެއް ލިބޭނެފަދަ ގޮތަކަށެވެ.