English Edition
Dhivehi Edition
ބީއެމްއެލް އިން އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް ތައާރަފު ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: ފޮޓޯ ބީއެމްއެލް.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އައްޑޫ ހިތަދޫ ބްރާންޗުގައި ޑޮލަރު އޭޓީއެމެއް ބަހައްޓައި، އައްޑު އަށް ޑޮލަރު އޭޓީއެމްގެ ހިދުމަތް މިރޭ ތައާރަފުކޮށްފި އެވެ.

މި ޚިދުމަތް ތައާރަފުކޮށްފައި ވަނީ، މިރޭ އައްޑޫގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފާއި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި އެ ސިޓީގެ މޭޔަރު އިސްމާއިލް ނިޒާރު ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ބީއެމްއެލް އިން ބުނީ، އާ އޭޓީއެމުން 24 ގަޑިއިރު ޑޮލަރު ޑިޕޮސިޓް ކުރުމާއި ޑޮލަރު ނެގުމުގެ އިތުރުން ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

ޑޮލަރު އޭޓީއެމްގެ އިތުރުން މިހާރުވެސް ހިތަދޫ ބްރާންޗުގައި ބީއެމްއެލްގެ ދެ އޭޓީއެމް ގާއިމްކޮށްފައިވާއިރު، އޭގެ ތެރެއިން އެއް އޭޓީއެމް ޚާއްސަ ކުރެވިފައިވަނީ ސެލްފް ސާވިސް ބޭންކިން ޚިދުމަތަށެވެ. ދެވަނަ އޭޓީއެމްއަކީ ފައިސާ ނެގުމަށް ހާއްސަކުރެވިފައިވާ އޭޓީއެމްއެކެވެ.

ޑޮލަރު އޭޓީއެމްގެ ހިދުމަތް އައްޑު އަށް ތައާރަފު ކުރަން ބޭއްވި ރަސްމިއްޔާތުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަރީފު ވިދާޅުވީ، އެއީ އައްޑޫގައި ޑޮލަރު މުއާމަލާތްތަކަށް އިތުރު ވަމުން އަންނަ ޑިމާންޑާ އެއްވަރަށް ހިދުމަތް ދިނުމަށް ބޭންކުން ދޭ އަހުމިއްޔަތުކަމުގެ ރަމްޒެއް ކަމަށެވެ.

“އިސްލާމިކް ބޭންކިން ހިދުމަތަށް އިސްކަންދިނުމަށް ގަމު ބްރާންޗަށް ދާދި ފަހުން މި ގެނެވުނު ބަދަލާއި އޭޓީއެމްގެ ޚިދުމަތް ފުޅާކުރުމާއެކު ބޭންކުން މި ދަނީ އައްޑޫ ސިޓީގައި ބޭންކުގެ ބައިވެރިވުން އިތުރަށް ހަރުދަނާ ކުރަމުން،” އޭނާ ވިދާޅުވިއެވެ.