English Edition
Dhivehi Edition
ރަށު އެކްސްޕޯގައި ބައިވެރިވެފައިވާ އުތީމު ޓީމު: ފޮޓޯ އުތީމު ކައުންސިލް

ލޯކަލް ޓޫރިޒަމް ކުރިއެރުވުމުގެ ބޭނުމުގައި ކުރިއަށް ގެންދާ ‘ދިރާގު ރަށު އެކްސްޕޯ’ ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ފަށައިފިއެވެ.

“ޓްރެވެލް ގާއީޒް: އިން އިންތިޒާމު ކޮށްގެން ކުރިއަށް ގެންދާ މި އެކްސްޕޯއަކީ ރަށު ފަތުރުވެރިކަމާއި ރަށްރަށުގެ ސަގާފަތާއި އާދަކާދަ ޕްރޮމޯޓްކުރުމުގެ މަގްޞަދުގައި ކުރިއަށް ގެންދާ އިވެންޓެކެވެ.

މި އެކްސްޕޯ ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އެ އެކްސްޕޯ ރަސްމީކޮށް ހުޅުވައިދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދުއެވެ.

މި މަހުގެ 13 އިން 15 އަށް ކުރިއަށް ގެންދާ މި އެކްސްޕޯގައި ރަށު ކައުންސިލްތަކާއި ގެސްޓްހައުސްތަކާއި ރިސޯޓުތަކާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ 50 އަށްވުރެ ގިނަ ސްޓޯލް ވަނީ ބެހެއްޓިފައެެވެ. އޭގެ ތެރޭގައި 25އަށް ވުރެ ގިނަ ރަށާޢި އެކި ކުންފުނިތަކުންވެސް އެކްސްޕޯގައި ވަނީ ބައިވެރިވެފައެވެ. މި ރަށްރަށުން، ރަށްރަށުގައި ހުރި ޚާއްސަ ކަންކަމާއި ރަށްރަށުގެ ސަގާފަތާއި ހާއްސަ ކާބޯތަކެތި މި އެކްސްޕޯގައި ދައްކާނެއެވެ.

“ރަށު އެކްސްޕޯ” ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވީ ރަށު އެކްސްޕޯއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ހަރަކާތެއްކަމަށެވެ. އަދި އެއީ ކުދި ވިޔަފާރިތަކަށް ރައީސުލްޖުމްހޫރިއްޔާ ދޭ އަހައްމިއްޔަތުކަން ދައްކުވައިދޭ ކަމެއްކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

“ރަށު އެކްސްޕޯއަކީ ކުރިއަށް ދާނެ އިވެންޓެއް. މިކަމަށް ރައީސް ދެއްވާ އިސްކަން ފާހަގަކުރަން. މިކަމަށް ރައީސް އޮފީހުންވެސް ވަރަށް އިސްކަމެއް ދޭ. ރައީސްގެ ހަމަ އެދުމުގެ މަތިން އަޅުގަނޑު މިއައީވެސް. މިކަމުންވެސް ދޭހަވީ ކުދި ފިޔަފާރިތަކަށް ރައީސް ދެއްވާ އަހައްމިއްޔަތުކަމާއި ކުދި ފިޔަފާރިތަކަށް ފުޅާކުރުމަށް ބޭނުންފުޅުވާކަން” ވަޒީރު ވިދާޅުވިއެވެ.