English Edition
Dhivehi Edition
އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު ރޮޒައިނާ އާދަމް: އޭނާއަކީ އެމްޑީޕީ އަންހެނުންގެ ރޫހުގެ ގޮފީގެ ރައީސް: ފޮޓޯ އެމްޑީޕީ

ގއ ވިލިނގިލީގައި ދެމައިން ނިޔާވި މައްސަލަ ބަލައި ފިޔަވަޅު އަޅައިދިނުމަށް އެމްޑީޕީގެ ‘އަންހެނުންގެ ރޫހުން’ ރައްޔިތުންގެ މަޖިލީހަށް ސިޓީއެއް ހުށަހަޅައިފިއެވެ.

އަންހެނުންގެ ގޮފީގެ ރައީސް ރޮޒައިނާ އާދަމް ސޮއިކުރައްވައި، މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުވި ސިޓީގައި ވަނީ، ނޫސްތަކަށް ޝިއުނާގެ ފިރިމީހާ ދީފައިވާ މައުލޫމާތުން މި މައްސަލާގައި ސަރުކާރު މުއައްސަސާތަކުގެ އިހުމާލު ވަރަށް ބޮޑު ކަމަށް ދޭހަވާ ކަމަށް ބުނެފައެވެ.

“މި މައްސަލާގައި ތުހުމަތު ބޮޑަށް ކުރެވެނީ ގއ. އަތޮޅު ހޮސްޕިޓަލަށް. މި ހާދިސާއަކީ ސިއްޙީ ދާއިރާ ކުރިއަރާފައިވާ ޒަމާނެއްގައި މާބަނޑު އަންހެނަކަށް ދިމާވެގެންވާނެ ހާދިސާއެއް ނޫން” އެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން، މާބަނޑު އަންހެނަކާއި ދަރިފުޅު ނިޔާވުމަށް މި ދިމާވި ހިތާމަވެރި ހާދިސާއަކީ ހޮސްޕިޓަލްގެ މަސައްކަތް ހިންގަން ޖެހޭ ގޮތަށް ފަރުވާތެރި ކަމާއެކު ނުހިންގުމާއި ސީ އެމްބިއުލާންސްއަކުން ލިބެން ޖެހޭ ޚިދުމަތްތައް އެ ގޮތުގައި ލިބެން ނެތުމުން ދިމާވި އިންތިހާއަށް ހިތާމެވެރި ހާދިސާއެއް އެއް ކަމުގައި ޝިފާޒް ޒާހިރު ވަނީ ފާހަގަކުރައްވާ ކަމަށްވެސް ސިޓީގައި ބުނެފައިވެއެވެ.

އެހެންވެ، އެމްޑީޕީގެ އަންހެނުންގެ ރޫހުން ވަނީ މަޖިލީހުގެ ކަމާ ބެހޭ ކޮމިޓީތަކުން ދިރާސާކޮށް، މިކަމުގައި ޒިންމާވާ ފަރާތްތައް ހޯދުމަށާއި ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ކުރާ މަސައްކަތްތައް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބަލައިދިނުމަށް އެދިފައެވެ.

މި ހާދިސާގައި ނިޔާވީ ގއ. ވިލިނގިލީ، ޒަމާނީވިލާގޭ ފާތިމަތު ޝިއުނާ ތައުފީގެވެ. އޭނާ ނިޔާވީ އޭނާގެ ތިންވަނަ ދަރިފުޅު ވިހެއުމަށް ފަހުގައެވެ.

މި މައްސަލައާއި ގުޅިގެން ސިއްހީ ފަރާތްތަކުގެ އިހުމާލު އޮތްކަމަށް ގިނަ ބަޔަކު ބުނަމުންދާއިރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ދާހިލީ ވަޒީރު އަލީ އަހުސާން ވިދާޅުވީ ގއ. ވިލިގިލީގައި ކުޑަކުއްޖަކާއި އެކުއްޖާގެ މަންމަ ނިޔާވެފައިވާ ހާދިސާގައި އެއްވެސް ފަރާތެއްގެ އިހުމާލެއްވޭތޯ ޖިނާޢީ ތަހުގީގެއް ހިންގާ އިހުމާލުވެފައިވާ ފަރާތެއްވާނަމަ އެފަރާތެއް ނުވަތަ ފަރާތްތަކެއް ހޯދާ ޤާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުގެ ފަރާތުންވަނީ ދިވެހި ފުލުހުންނަށް އަންގާފައިވާ ކަމަށެވެ.