English Edition
Dhivehi Edition

ވޭޕް ބޭނުންކޮށްގެން މިދިޔަ މަހު 12 މީހަކު ޖޫރިމަނާކޮށްފައިވާކަމަށް ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން ބުނީ މިދިޔަ ޖެނުއަރީ 1، އިން ފެށިގެން ޖެނުއަރީ 31، ގެ ނިޔަލަށް ވޭޕް ބޭނުން ކުރުމުގެ 14 މައްސަލައެއްގައި 12 މީހަކު ޖޫރިމަނާ ކޮށްފައިވާ ކަމަށެވެ.

މިދިޔަ ޑިސެމްބަރު 15، އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުން ކުރުން މަނާ ކޮށްފައިވާއިރު، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނާ ޚިލާފުވި 20 މައްސަލައެއްގައި 17 މީހަކު މިދިޔަ ޑިސެމްބަރު މަހު ވެސް ވަނީ ޖޫރިމަނާކޮށްފައެވެ.

ވޭޕްގެ އެކި ބާވަތްތައް ރާއްޖެ އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވީ މިދިޔަ އޮކްޓޫބަރު މަހުގެ 14 ވަނަ ދުވަހުއެވެ. ރައީސްގެ މި ނިންމެވުން ތަންފީޒްކުރެއްވުމަށް ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނު އިސްލާޙުކޮށް، އެ ޤާނޫނަށް ޢަމަލުކުރަން ފަށާފައިވަނީ މިދިޔަ ނޮވެމްބަރުމަހުގެ 15 ވަނަ ދުވަހުން ފެށިގެންނެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ގާނޫނަށް މަޖިލީހުން ގެނައި އިސްލާހާއެކު ހިލޭ ވޭޕެއް މީހަކަށް ދިނަސް 10،000ރ. ގެ ޖޫރިމަނާއެއް އަދި ބޭނުންކުރާ ކޮންމެ މީހަކަށް 5،000ރ. ގެ ޖޫރިމަނާއެއް އަންނާނެ އެވެ.

މީގެއިތުރުން ވޭޕް ވިއްކައިފި މީހަކު ނަމަ 20،000ރ. އިން ޖޫރިމަނާ ކުރުމާއެކު، ވިއްކި ކޮންމެ ވޭޕަކަށް 10،000ރ. ގެ ޖޫރިމަނާއެއް ވެސް ގާނޫނުގެ ދަށުން އަންނާނެ އެވެ.

ޤާނޫނާ ޚިލާފުވާ މީހުންނަށް މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް، ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައި ފުލުހުން ފޮނުވާނެއެވެ.

ފުލުހުން ވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ މީހުންވެސް ފުރިހަމައަށް ޢަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް އިލްތިމާސްކުރައްވާފައެވެ.