English Edition
Dhivehi Edition

ރާއްޖޭގައި ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވި ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއްކަމަށް ކުރީގެ ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވެއްޖެއެވެ. ނަސީމް މިހެން ވިދާޅުވީ ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ކުރީގެ ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ ވޭޕް މަނާކުރުމަށް ނިންމެވުމަކީ ވަރަށް ރަނގަޅު ނިންމެވުމެއް ކަމަށެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ނިންމެވި ނިންމެވުމަށް ތާއީދުކޮށް ގިނަ ބަޔަކު ދަނީ ސޯޝަލް މީޑިއާގައި އެމަނިކުފާނަށް ތައުރީފު ކުރަމުންނެވެ.

އެގޮތުން ކުރީގެ ކުރީގެ ޔޫތު މިނިސްޓަރު އަޙުމަދު މަޙުލޫފު ވެސް ވިދާޅުވެފައިވަނީ މަސްތުވުމާއި ދުންފަތުގެ އިސްތިއުމާލުކުރުމުގެ ވަބާގައި ޖެހިފައިވާ އެތައް ޒުވާނުންނެއް އަދި އެތައް ކުޑަކުދިންނެއް މިއަދު ރާއްޖޭގައި ތިބިކަމީ ހަގީގަތެއްކަމަށާއި ޚާއްސަކޮށް ވޭޕުކުރާ ކުޑަކުދިން އިންތިހާއަށް އިތުރުވާކަން، ސުކޫލުތަކުން ހޯދާ ވޭޕުގެ އަދަދުތަކުން ޔަގީންވާކަމަށެވެ. އަދި ވޭޕު ކުރުން ހުއްޓުވުމުގެ މަޤުސަދުގައި، ވޭޕުކުރަން ބޭނުންކުރާ ސާމާނާއި އޭގެ ވަކިވަކި ބައިތައް އެތެރެކުރުން ހުއްޓުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ނިންމެވި ނިންމުމަކީ ރަނގަޅު ކަމެއްކަމަށްދެކި މަރުޙަބާ ކިޔާކަމަށް މަޙުލޫފު ވަނީ ވިދާޅުވެފައެވެ.

އޭގެއިތުރުން، އޭޑީކޭ ހޮސްޕިޓަލުގެ މެނޭޖިން ޑިރެކްޓަރު އަހްމަދު އައްފާލް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެ ނިންމެވުމުގެ ސަބަބުން ރާއްޖޭގެ ސިއްހީ ހާލަތަށް ބޮޑު ކުރިއެރުމެއް އަންނާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.

ވޭޕް މަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވުމާއި ގުޅިގެން މޯލްޑިވްސް ކަސްޓަމްސް ސަރވިސަސްއިން ވިދާޅުވީ ރައީސްގެ ނިންމެވުން ތަންފީޒުކުރުމަށްޓަކައި ކަސްޓަމްސްއިން ހަމަޖައްސަންޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި އަދި ވާންޖެހޭ ތައްޔާރީތައްވުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާކުރިކަން ރައީސް ހާމަކުރައްވާފައި ވަނީ ރައީސް ޑރ މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އެ ޕޯސްޓުގައި ވަނީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ދިވެހިރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރުން ފެށިގެން މަނާ ކުރުމަށް އަންގަވާފައި ވާކަމަށެވެ.