English Edition
Dhivehi Edition

ވޭޕުގެ ބާވަތްތައް މަނާކުރުމަކީ ޒުވާނުންނާއި ކުޑަކުދީންގެ ހައްގުގައި ރައީސް އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ (ޕީއެންސީ)އިން ބުނެފިއެވެ.

އެ ޕާޓީން ވަނީ ވޭޕުގެ ބާވަތްތައް މަނާކުރުމަށް ރައީސް ނިންމެވުމުން އެކަމަށް ޝުކުރު އަދާކުރައްވާ ބަޔާނެއް ނެރެފައެވެ.

އެ ބަޔާނުގައި ވަނީ ވޭޕާއި އެއާ ގުޅުންހުރި އެކި ބައިތަކާއި ބާވަތްތަކުގެ ތަކެތި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމާއި އޭގެ ވިޔަފާރިކުރުން މަނާކުރައްވަން ރައީސް ޑރ.މުހައްމަދު މުއިއްޒު ނިންމެވި ނިންމެވުމަކީ މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުމެއް ކަމަށާއި އެކަން ތަންފީޒު ކުރުމުގައި ހުރިހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް ގޮވާލާފައެވެ. މީގެ އިތުރުން ޒުވާނުންނާއި ކުޑަކުދީންގެ މެދުގައި މަސްތުވާތަކެތި ފެތުރުމަށް މިހާރު ބޭނުންކުރަމުންދާ ވޭޕާއި އެއާ ގުޅުންހުރި އެކި ބާވަތްތައް ރާއްޖެއަށް އެތެރެކުރުމާއި ރާއްޖޭގައި ބޭނުންކުރުމާއި އޭގެއިން ވިޔަފާރިކުރުން މަނާ ކުރެއްވުމަށް ނިންމެވުމުން އެކަމަށް އެޕާޓީން ވަނީ ރައީސަށް ޝުކުރު ދަންނަވާ މަރުހަބާ ދަންނަވާ ފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހެދިފައިވާ ގިނަ ދިރާސާތަކުން ސާބިތުވާ ގޮތުގައި ވޭޕަކީ ދުންފަތުގެ އެހެނިހެން ބާވަތްތަކަށްވުރެ ނުރައްކާތެރި ގެއްލުން ބޮޑު އެއްޗެހިތަކެއްކަން ފާހަގަކުރަމުން އެ ބަޔާނުގައި ބުނީ އޭގެ ސަބަބުން ޒުވާނުންގެ ފުއްޕާމޭގައި ފެން އުފެދި ލިބޭ ގެއްލުންތަކުގައި ގިނަ އަދަދެއްގެ ޒުވާނުންގެ ފުރާނައަށް ނުރައްކާވާކަމީ މިހާރު ރެކޯޑުކުރެވި ސާބިތުވެފައިވާ ހަގީގަތް ކަމަށެވެ.

އެ ބަޔާނުގައި އިތުރަށް ވިދާޅުވީ ރައީސް މުއިއްޒު އެތަކެތި ރާއްޖެ އެތެރެ ކުރުމާއި، ބޭނުން ކުރުމާއި، ވިއްކުމާއި، އެތަކެތީގެ ވިޔަފާރިކުރުމާއި ހިލޭ ބެހުން މަނާކުރެއްވުމަށް ނިންމެވުމަކީ ދިވެހި ކުޑަކުދިންނާއި ޒުވާނުންގެ ހައްގުގައި ނިންމެވި ވަރަށް ހަރުދަނާ ނިންމެވުމެއް ކަމަށެވެ.

އަދި ރައީސްގެ އެ ނިންމެވުމަށް އެ ޕާޓީން ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށާއި މުސްތަގުބަލަށްޓަކައި އެމަނިކުފާނު ނިންމެވި ނިންމެވުން ތަންފީޒުކުރުމުގައި އެންމެހާ އިދާރާތަކާއި ވިޔަފާރިތަކާއި އާންމު ފަރުދުން އެއްބާރުލުން ދިނުމަށް އެ ޕާޓީއިން ވަނީ އިލްތިމާސް ކުރައްވާފައެވެ.