English Edition
Dhivehi Edition

ވޭޕް އޮއިލްގެ ނަމުގައި ރާއްޖެ އެތެރެ ކުރި މަސްތުވާތަކެތީގެ ޝިޕްމެންޓެއް މޯލްޑިވްސް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.

މިކަމާ ގުޅިގެން ހޯމް މިނިސްޓަރު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ، މި ޝިޕްމަންޓު އަތުލައިގެންފައި ވަނީ ކަސްޓަމުން ކަމަށެވެ. އަދި މިއީ ވޭޕް މަނާކުރުމަށް މިއަދު ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ނިންމެވި އެންމެ ބޮޑު އެއް ސަބަބުކަމަށް މިނިސްޓަރު ލިޔުއްވާފައި ވެއެވެ.

މިނިސްޓަރު ވަނީ މި ޝިޕްމަންޓުގެ ފޮޓޯ އާންމުކޮށްފައެވެ. ބެލެވޭ ގޮތުގައި އެ ޝިޕްމަންޓުގައި ކެނަބިސް އަޅައިގެން ރާއްޖެ އެތެރެކުރަން މަސައްކަތް ކޮށްފައި ވަނީ، ވޭޕަށް އަޅާ ފްލޭވާއެވެ. ފޮޓޯއިން ފެންނަނީ ފޮށިގަނޑުތަކެއްގައި ހުރި ފެހި އަދި ފިޔާތޮށި ކުލައިގެ ފުޅިތަކެކެވެ.

ވޭޕް މަނާ ކުރަން ނިންމާފައިވާކަން ހާމަކުރައްވާ ރައީސް ޑރ. މުއިއްޒު އެކްސްގަައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި، އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކުރުން 15 ނޮވެމްބަރ 2024 އިން ފެށިގެން މަނާ ކުރުމަށާއި، ރާއްޖޭގައި ވޭޕްކުރުމަށް ބޭނުންކުރާ ތަކެތި ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި، ވިއްކުމާއި، ރާއްޖޭގައި އިޝްތިހާރު ކުރުމާއި ހިލޭބެހުން 15 ޑިސެމްބަރ 2024 އިން ފެށިގެން މަނާކުރުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމަށް ކަމާބެހޭ ފަރާތްތަކަށް އެމަނިކުފާނު އަންގަވާފައިވާ ކަމަށެވެ.

ރާއްޖޭގައި ވޭޕް މަނާ ކުރުމަށް ރައީސް މުއިއްޒު ނިންމެވީ ނިންމެވުމާއި އެއްގޮތަށް، އެކަން ތަންފީޒުކުރުމަށްޓަކައި ގާނޫނުތަކަށް ގެންނަންޖެހޭ އިސްލާހުތައް މިހަފްތާގެ ތެރޭގައި މަޖިލީހަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށް ބަންޑާރަ ނައިބް އަހްމަދު އުޝާމް މިއަދު ވަނީ ވިދާޅުވެފައެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން ގިނަ ބަޔަކުދަނީ އެކަމަށް ތާއީދުކޮށް ރައީސަށް ތައުރީފު ކުރަމުންނެވެ.