English Edition
Dhivehi Edition
ކުރިއަށްއޮތް ރަމަޟާން މަހާ ދިމާކޮށް، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ކުރިއަށް ގެންދާ “ފަޔަރ ޕްރިވެންޝަން ވީކް 2025” ފަށައިފިއެވެ.
“ފަޔަރ ޕްރިވެންޝަން ވީކް” އަކީ، ރަމަޟާން މަހު ގިނަ ވަގުތުތަކެއްގައި ބަދިގޭގައި ހޭދަކުރާ މަހަކަށް ވާނެތީ، ހިނގާފާނެ އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ހަރަކާތެެއްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި ހަރަކާތް އެންމެ ފުރަތަމަ ފަށާފައިވަނީ މާލޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އަމާޒުކޮށްގެންނެވެ. އެގޮތުން އިއްޔެ ދެ ދަންފަޅިއަކަށް ބަހާލައިގެން އަމީނިއްޔާ ސްކޫލުގައި ވަނީ އިވެންޓެއް ކުރިއަށް ގެންގޮސްފައެވެ. މި އިވެންޓުގައި 580 އަށް ވުރެ ގިނަ ދަރިވަރުން ވަނީ ބައިވެރިވެފައެވެ.
ފަޔަރ ޕްރިވެންޝަން ހަރަކާތުގައި ކައްކާ ގޭހާ ބެހޭގޮތުން ހޭލުންތެރިކުރުވުމާއި، ކަރަންޓްގެ ހާދިސާތަކުން ދިމާވެދާނެ އަލިފާނުގެ ހާދިސާއަށް ހޭލުންތެރިކުރުވުމާއި، އަދި އަލިފާންނިވި ބޭނުންކުރާނެ ގޮތްތަކާ ބެހޭ މަޢުލޫމާތު ދިނުމާއި، އަލިފާނުގެ ހާދިސާއެއް ދިމާވެއްޖެނަމަ އަމަލުކުރާނޭ ގޮތްތަކާބެހޭ ތަފާތު މަޢުލޫމާތު ޙިއްސާ ކުރެވިގެންދާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.
މި އަހަރުގެ ޖަނަވަރީ 30 އިން ފެބުރުވަރީ 7 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދާ “ފަޔަރ ޕްރިވެންޝަން ވީކް”، ގްރޭޓާ މާލޭ އޭރިއާ ސަރަހައްދުތަކުގައާއި، އެމްއެންޑީއެފް އޭރިއާ ކޮމާންޑްތަކުގައި ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑުން ކުރިއަށް ގެންދަން ނިންމާފައިވާ ހަރަކާތްތައް ހިންގަން ހަމަޖެހިފައިވަނީ، މިނިސްޓްރީ އޮފް އެޑިޔުކޭޝަނާއި، މާލެ ސިޓީގެ ސްކޫލުތަކާއި، މާލޭ ސިޓީ ކައުންސިލް އަދި މުއައްސަސާތަކާ ގުޅިގެންނެވެ. އެގޮތުން ގްރޭޓާ މާލޭ އޭރިއާ ސަރަހައްދުގައި ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ތަންތަނަކީ އަމީނިއްޔާ ސްކޫލާއި، ހުޅުމާލޭ ފޭސް 2 ހިޔާ ސަރަހައްދާއި، މުޙްޔިއްދީން ސްކޫލާއި، ޢާޒީ ސްކޫލުގެ އިތުރުން، ތިލަފުށީ ބަނދަރު ސަރަހައްދާއި، ރަސްފަންނު އަދި ހުޅުމާލެ ރުއްގަނޑު 1 ސަރަހައްދުގައެވެ.