އައްޑޫ ސިޓީގައި އަޅާފައިވާ ހަންކެޑެ ބްރިޖް ނުހުޅުވި ލަސްވާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
މިއަދު ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރ ވިދާޅުވެފައިވަނީ ބްރިޖްގައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކޮންޓްރެކްޓަރ ވަނީ ނިންމާފައިކަމަށެވެ. އަދި ބްރިޖް ހުޅުވުމާއި ވީރާނާވެފައިވާ ލިންކްރޯޑް އަލުން ހެދުމާއި ، ހަންކެޑެ ސަރަހައްދުގައި ހަދާފައިވާ ވަގުތީ ވެލި މަގު މަރާމާތު ކުރުމުގެ ޒިންމާ އޮތީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިނފްރާސްޓްރަކްޗަރއަށް ކަމަށާއި މިމަސައްކަތް ތަކަކީ އައްޑޫ މަގުހެދުމުގެ މަސައްކަތުގައި ހިމެނޭ މަސައްކަތް ތައްކަމަށް މޭޔަރ ވިދާޅުވިއެވެ.
“ކައުންސިލްއިން މިމަސައްކަތްތައް އަވަސްކުރުމަށް ތަކުރާރުކޮށް ދަނީ އެދެމުން. އަދި އެދެވޭ ޖަވާބެއް މިނިސްޓްރީގެ ފަރާތުން ލިބިފައި ނުވާކަން ހިތާމައާއި އެކު ފާހަގަކުރަން.” މޭޔަރ ނިޒާރު ވިދާޅުވެފައިވެއެވެ.
މާލެ ފިޔަވައި، އެހެން ރަށެއްގައި ހެދި ފުރަތަމަ ބްރިޖް ހުޅުވުމަށްތަފާތު ގިނަ ތާރީޚްތަކެއް މީގެ ކުރިން ދީފައިވާ އިރު އިންފްރާސްޓްރަކްޗާ މިިނިސްޓްރީން 2024 ވަނަ އަހަރުގެ ޖޫން މަހު ބުނެފައި އޮތީ ޖުލައި މަހު އާންމުންނަށް ބްރިޖް ހުޅުވާލާނެ ކަމަށެވެ. ނަމަވެސް ފަހުން ބްރިޖް ހުޅުވުން ސެޕްޓެމްބަރަށް ވެސް ފަސް ކުރިއެވެ. އޭގެ ފަހުން ޑިސެމްބަރުގައި ބްރިޖް ހުޅުވޭނެ ކަމަށް ވެސް އަޑުއިވުނެވެ.

ބްރިޖް ހުޅުވާނެ ވަކި ތާރީޚެއް އިންފްރާސްޓްރަކްޗާ މިިނިސްޓްރީން މިހާރު ކަނޑައެޅިގެން އާންމުކޮށްފައިނުވާއިރު އެތަނުގައި މަސައްކަތް ކުރާ ފަރާތްތަކުން ބުނަމުން އަންނަނީ ބްރިޖް ހުޅުވާނީ ރޯދައަށް ކަމަށެވެ.
ހަންކެޑެ ބްރިޖަކީ އައްޑޫ ގައުކެޑި އާއި މަރަދޫ ގުޅާލުމަށް އިންޑިއާގެ އެފްކޮންސް ކުންފުންޏާ ހަވާލުކޮށް ހަދާފައިވާ ބްރިޖެކެވެ. މިއީ 2021 ވަނަ އަހަރު 1.1 ބިލިއަން ރުފިޔާ ހަރަދުކުރާ ގޮތަށް ފެށި މަޝްރޫއެކެވެ.
މިއީ ފަތުރުވެރިކަމަށް ތަރައްގީކުރަން ކަނޑައަޅާފައިވާ ރަށެއް ކަމަށްވާ ހަންކެޑެ ބޭރުން ހުޅަނގު ދެކުނުގައި ތަރައްގީކުރާ ބްރިޖެކެވެ. މި ބްރިޖްގެ ސަބަބުން ހަންކެޑެ ސަރަހައްދު އެއްކޮށް ފަތުރުވެރިކަމަށް ދޫކޮށްލެވޭނެ ގޮތް ހެދޭނެ އެވެ.
ސ. މަރަދުއާ އިންވެގެން އޮންނަ ހަންކެޑެއަކީ އައްޑޫގައި ޓޫރިޒަމް ފުޅާ ކުރުމަށް ރޭވި މަޝްރޫއުގެ ތެރެއިން ފުރަތަމަ އިއުލާން ކުރި އެއް ރަށެވެ.