ރާއްޖޭގެ އިރުމަތީ ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑު މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދާތީ މޫސުމާމެދު އިތުރަށް ސަމާލުވުމަށް އެދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.
މެޓު އޮފީހުން ލަފާކުރައްވާ ގޮތުގައި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. ދެކުނާއި މެދުރާއްޖެ ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރާއިރު، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިޔަކު ގާތްގަނޑަކަށް 40-45 މޭލަށް ވައި ގަދަވުން އެކަށީގެންވެއެވެ.
މީގެ އިތުރުން މިއަންނަ އާދިއްތަ ދުވަހުގެ ނިޔަލަށް ރާއްޖޭގެ ބޮޑު ބަޔަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި ޢާންމު ވަޔާއި ކަނޑުތައް ގަދަވާނޭކަމަށްވެސް އެ އިދާރާއިން ވިދާޅުވިއެވެ. އަދި ދިޔަވަރު ބޮޑުވާ ވަގުތުތަކުގައި ބައެއް އަތޮޅުތަކަށް އުދަ އެރުމުގެ ފުރުޞަތުވެސް އެބައޮތްކަމަށް މެޓުން ވިދާޅުވެއެވެ.
އަންނަ އާދިއްތަ ދުވަހަކީ ސްކޫލުތައް ހުޅުވާ ދުވަސް ކަމަށްވުމާއެކު، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި އަތޮޅުތެރެއާއި މާލެއާ ދެމެދު ގިނަ އަދަދެއްގެ ބަޔަކު ދަތުރުކުރާނެ ކަމަށް ބެލެވެއެވެ. މޫސުން ގޯސްވާ ދުވަސްވަރު، ކަނޑު ދަތުރުކުރުމުގެ ކުރިން މެޓު އޮފީހުން ނެރޭ އެލާޓުތަކަށް ސަމާލުވުމަށްވެސް އެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ.
ރާއްޖެއަށް މިހާރު މިކުރަމުންދާ ވިއްސާރައަކީ ސްރީލަންކާގެ އިރު ދެކުނުގަ އުފެދިފައިވާ ކޮޅިގަނޑާއި ސަރކިއުލޭޝަން، މިހާރު ރާއްޖެ ސަރަހައްދުގައި ދައުރުވަމުންދިއުމުގެ ސަބަބުން ކުރަމުންދާ ވިއްސާރާއެކެވެ.