“ގެދޮރުވެރިޔާ” ސްކީމް އަދި “ބިންވެރިޔާ” ސްކީމްގެ ދަށުން ގޯތި ދިނުމުގައި “މެޑަމް ލިސްޓެއް” މި ސަރުކާރުން ގެންގުޅެމުން އަންނަ ކަމަށް ދެކެވޭ ވާހަކަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު ދޮގުކުރައްވައިފިއެވެ.
“ރައީސްގެ ޖަވާބު” ނަމުގައި ސަރުކާރުން ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ރައީސް ވިދާޅުވީ ގެދޮރުވެރިކަމުގެ ފްލެޓެއް ވިޔަސް، އެހެން ކަހަލަ ހައްގަކަށް ވިޔަސް، މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ހައްގަކަށް އަރައިނުގަންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ރައްޔިތުންގެ އެއްވެސް ކަހަލަ ހައްގަކުން މަހްރޫމް ކުރުމަކީ މި ސަރުކާރުން ކުރާނެ ކަމެއް ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ފްލެޓު ނުވަތަ ގޯތި ލިސްޓް ކަމުގައި ވިޔަސް، އަދި އެހެން ޕްރޮގްރާމެއްގެ ތެރެއިން ހަމަޖެހޭ ކަމެއް ކަމުގައި ވިޔަސް، އެކަން ކުރިއަށް ދާނީ އިންސާފުވެރިކަމާއި ހަމަހަމަކަމާ އެކީގައި ދެފުށް ފެންނަ ގޮތަށް ކަމަށެވެ.
“އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަމަކަށް އިސްވެ އަޅުގަނޑު ފިޔަވަޅު އަޅާނަން. ” ރައީސް ވިދާޅުވިއެވެ.
އިތުރަށް ރައީސް ވިދާޅުވީ މިހާރު ނެރޭ ލިސްޓު ނޫނީ އެއްވެސް އެކަހަލަ މައުލޫމާތަކާ ގުޅޭ ގޮތުން އެ ދައްކާ ވާހަކަތަކަކީ އެއްގޮތަކަށް ވެސް ހަގީގަތެއް ހިމެނޭ ކަންކަމެއް ނޫން ކަމަށެވެ.