އދ. އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ހައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެެ.
އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު އޮމަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް ވިދާޅުވީ އެންމެ މުހިންމު ކަމަކަށް އޮތީ އދ. އޮމަދޫގެ ބަނދަރުގެ މައްސަލައަށް ހައްލު ހޯއްދަވައިދެއްވުން ކަމަށެވެ. ނިމިގެން ދިޔަ އަހަރަކީ، އެކި ސަބަބުތަކާ ހެދި މިފަދަ އެތައް ކަމަކަށް ހައްލު ހޯއްދަވައި ނުދެއްވި ދިޔަ އަހަރެއް ކަމަށާ، މައިގަނޑު ސަބަބަކީ ބަޖެޓްގެ ދަތިކަން ކަމުގައި ރައީސް ވިދާޅުވިއެވެ. ނަމަވެސް ކުރިއަށް އޮތް 2025 ވަނަ އަހަރަކީ ތަފާތު އަހަރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ޙައްލު ލިބިދެނިވި ފަދަ ގޮތަކަށް، ފުރިހަމަ ބަނދަރެއް ހައްދަވައިދެއްވާނެ ކަމުގެ ޔަގީންކަން، އދ. އޮމަދޫގެ ރައްޔިތުންނަށް އެމަނިކުފާނު ދެއްވިއެވެ.
ހަމަމިއާއެކު އދ. އޮމަދޫއަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޢަމަލީ ސިފައެއްގައި ޙައްލު ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ބަނދަރާއި، ގިރާ ސަރަޙައްދުގެ މަޝްރޫއުގައި ސޮއި ކުރެވިފައި އޮތް ނަމަވެސް، ޢަމަލީ މަސައްކަތެއް ކުރެވިފައި ނެތްކަން ފާހަގަކުރައްވައި ވާހަކަފުޅުކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ، 2025 ވަނަ އަހަރު، މި 2 މަޝްރޫއުގެ އަމަލީ މަސައްކަތް، އަހަރުގެ ވީހާވެސް ކުރީކޮޅުގައި ފައްޓަވައިގެން، ކުރިއަށް ގެންދަވާނެކަމަށެވެ.
2025 ވަނަ އަހަރު ހިންގަން ކަނޑައަޅުއްވާފައިވާ އައު މަޝްރޫއުތަކުގެ އުސޫލުގައި އިސްކަން ދެނިވި ތަރުތީބުން، އދ. އޮމަދޫގެ ތަޢުލީމާއި ޞިއްޙީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާއިންވެސް ތަރައްޤީގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދަވާނެކަމުގެ އުފާވެރި ޚަބަރު އެ މަނިކުފާނު ވަނީ ދެއްވާފައެވެ. ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލާއި، ކުލާސްރޫމްތަކުގެ އިތުރުން، ޞިއްޙީ މަރުކަޒަށް ބޭނުންވާ އިތުރު ޖާގައާ ވަޞީލަތްތައް، 2025 ވަނަ އަހަރު ކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.
ކުޅިވަރުގެ ރޮނގުން، 2025 ވަނަ އަހަރު، އަންހެން ބޭފުޅުންނަށް ޚާއްޞަ ހޭންޑްބޯލް ކޯޓެއްވެސް ތަރައްޤީކޮށްދެއްވާނެ ކަމަށާ، ފުޓުބޯޅަދަނޑުގެ މަސައްކަތްތައްވެސް ކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވަނީ މުޅި ރާއްޖެއަށް ދިމާވެފައި އޮތް ކުނީގެ މައްސަލައަށް ވަށާޖެހެނިވި ޙައްލެއް ހޯއްދަވައިދެއްވުމަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތް ކަމަށް ވިދާޅުވެފައެވެ. ކުނި މެނޭޖު ކުރުމަށް އދ. އޮމަދޫގައި މަރުކަޒެއް ޤާއިމުކޮށްފައި ހުރިއިރު، އެތަނަށް ބޭނުންވާ ތަކެތި ހޯދަން ޖެހިފައިވާކަމަށާ، އެކަންތައްވެސް ކޮށްދެއްވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.
2025 ވަނަ އަހަރު ވެގެން ދާނީ ނަތީޖާ ނެރެދެއްވުމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާ އަހަރަށް ކަމުގައިވެސް ރައީސް ވިދާޅުވިއެވެ.