English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

އަންނަ އަހަރަކީ އދ. މަހިބަދޫގައި 100 ހައުސިންގ ޔުނިޓުގެ މަސައްކަތް ފަށާ އަހަރުކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މަހިބަދޫ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ އަންނަ އަހަރަށް ސަރުކާރުން ފާސްކުރައްވާފައިވާ ގެދޮރުވެރިކަމުގެ ބަޖެޓަށް އިޝާރާތްކުރައްވާފައެވެ. އެގޮތުން ރައީސް ވިދާޅުވީ މިހާރުވެސް ރަށުން ލިބެން އޮތް ބިމުގައި ހައުސިންގ ޔުނިޓު އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނޭކަމަށެވެ. އަދި މަހިބަދޫގެ އިހުތިސާސްގައި ހިމަނުއްވާފައިވަމާ މާފަރު ފަޅުހިއްކައި ތަރައްޤީކުރުމުގެ ކޮންސެޕްޓު ފަރުމާކުރުމުގައިވެސް ރައްޔިތުން އެދިވަޑައިގަންނަވާ ވިސްނުންފުޅާ އެއްގޮތަށް މަސައްކަތްކުރައްވާނޭކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.

މި ރަށް، އަރބަން ސެންޓަރެއްގެ ގޮތުގައި ތަރައްޤީވުމުން، އެކަމުގެ ފައިދާ ލިބޭނީ ހަމައެކަނި ރަށުގެ ރައްޔިތުންނަށް ނޫންކަމަށާއި، މުޅި ސަރަޙައްދަށް އެފައިދާލިބޭނެކަން ފާހަގަކުރައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މާފަރު ފަޅަކީ، އަރބަން ސެންޓަރުގެ ހަގީގީ މާނައިގައި ތަރައްގީވެގެންދާ ތަނަކަށް ވާނޭކަމުގެ ޔަގީންކަން ދެއްވާފައެވެ.

މީގެ އިތުރުން ރަށު ރައްޔިތުން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ޢުމްރާނީ ތަރައްޤީގެ އިތުރުން، މާނަވީ ތަރައްޤީ ގެނެސްދެއްވުމަށް، ކުރިއަށް އޮތް ހަތަރު އަހަރު ދުވަހުގެ ތެރޭގައި، މުހިންމު މަސައްކަތްތަކެއް ކުރައްވާނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ސަރުކާރުގެ ސިޔާސަތަކީ، ހަތަރު އަހަރުގެ ތެރޭގައި، ރަށުގެ ރައްޔިތުން ބޭނުންވާގޮތަށް ތަރައްޤީގެ ކަންކަން ބައްޓަންކުރުން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.