ބަވަނަވަމުންދާ އަދުގެ ދުނިޔޭގައި ތަފާތު އެތައް ކަމަކާ ކުރިމަތިލާންޖެހޭ ކަމަށާއި، ނަމަވެސް އަޒުމެއް ކަނޑައަޅައިގެން މަސައްކަތްކޮށްފިނަމަ އެކަމަކުން ސަލާމަތްވެވޭނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އަރިއަތޮޅު ދެކުނުބުރީގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އެ އަތޮޅު މަހިބަދޫއަށް ވަޑައިގެން، އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ރޭ 00:00 އިން ފަށައިގެން ރާއްޖޭގެ އެއްވެސް ހިސާބެއްގައި ވޭޕްގެ ވިޔަފާރި ކުރުމާއި ބޭނުން ކުރުމަކީ ގާނޫނީ ގޮތުން މަނާ ކަމެއްގެ ގޮތުގައި ތަންފީޒު ކުރަން ފެށުމީ އެފަދަ މިސާލެއް ކަމުގައެވެ.
ރާއްޖޭގައި މީގެ ކުރިން އިލެކްޓްރޯނިކް ސިނގިރޭޓުގެ ނުވަތަ، ވޭޕްގެ ވިޔަފާރި ކުރަމުން ގެންދިޔައީ ޤާނޫނީ އިމުގެ ތެރެއިން ހުއްދަ އޮވެގެން ކަމަށާއި، ނަމަވެސް، އެކަމުގެ ސަބަބުން ގައުމަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވަމުންދިޔަ ކަމަށް ރައީސް ވިދާޅުވިއެވެ އަދި ހާލުގެ ދުލުން އެދެމުން ދިޔައީ ގައުމުގެ ދަރިން، ވޭޕްގެ ވަބާއިން ސަލާމަތް ކޮށްދިނުމަށް ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.
“އަޅުގަނޑުމެންގެ މުޖުތަމަޢުތަކަކީ ވޭޕާއި މަސްތުގެ ވަބާތަކުން ސަލާމަތްކުރެވިފައި ވާ މުޖުތަމަޢުތަކަކަށް ހަދަންޖެހޭ. ސިއްހީ ގޮތުން ޒުވާނުންނާއި އާންމުން ސަލާމަތްތެރިކަމާއެކު ތިބެގެން މެނުވީ ޙަޤީޤަތުގައި އަޅުގަނޑުމެންގެ ޤައުމަށްވެސް ކޮށްދެވޭނެ ކަމެއް ނޯންނާނެ” ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ދަރިންނަށްޓަކައި ހެޔޮ މުސްތަޤުބަލެއް ފޯރުކޮށްދެވެން އޮތީ ޒަމާނުއްސުރެ ދިވެހިންގެ ތެރޭގައި އާދަވެ، އަށަގަނެފައިވާ ނުރަނގަޅު އާދަތަކުން ސަލާމަތްވެގެން ހޯދޭ ތަރައްގީވެސް ހާސިލުކޮށްގެން ކަމުގައެވެ. ހަގީގީ ތަރައްގީއަކީ ލޮލަށް ފެނި، އަތުން ހިފޭ ތަރައްގީ އެކަނި ނޫންކަން ތަކުރާރު ކުރައްވަމުން ރައީސް ވިދާޅުވީ މައުނަވީ ތަރައްގީއެއް ލިބެން އޮތީ މި ދެންނެވި ޢުމްރާނީ ތަރައްޤީއާއެކު، ލޮލަށް ނުފެންނަ، ފިކުރީ، އިންސާނީ ތަރައްގީވެސް ހާސިލުކުރެވިގެން ކަމުގައެވެ.
އިތުރަށް ރައީސް ވިދާޅުވީ މުޖުތަމައުގައި ފެތުރިފައި އޮތް ނުރަނގަޅު އާދަތަކުން ސަލާމަތްވެވެން އޮތީ އަޒުމާއެކު މަސައްކަތްކޮށްގެން ކަމަށާއި، ގާނޫނުތަކެއް ހުއްޓެއްކަމަކު ފޫނުބެދޭ އެތައް ކަމެއް އެ މޭރުމުން ހުރިކަމުގައެވެ. ބަޔަކު ކުށްވެރި ކުރުމަކީ އަދުގެ ސަރުކާރުން އެދޭ ގޮތް ނޫން ކަމަށާ، ބޭނުންފުޅުވަނީ މަސްތުގެ ބަވާއާއި އެ ނޫންވެސް ގޮތްގޮތުން ކުށުގެ ވެށީގައި ބަނދެވިފައިވާ މީހުން އެކަންކަމުން ސަލާމަތްކޮށް، ހަމަމަގަށް އެޅުވިގެންކަމުގައި ރައީސް ވިދާޅުވިއެވެ. ނަމަވެސް ނުބައި ނިޔަތުގައި އެފަދަ ވަބާތައް ފަތުރާ ފަރާތްތަކަށް ހައްގު އަދަބު ލިބެންޖެހޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.