English Edition
Dhivehi Edition
ހިޔާ މަޝްރޫއުގެ ފްލެޓްތައް /ފޮޓޯ: ޕީއެސްއެމް

ގެދޮރު ބިނާކުރުމުގެ އެންމެ ގިނަ މަޝްރޫއު އެއް އަހަރު ތެރޭގައި ކުރިއަށްގެންދެވޭ އަހަރަކަށް 2025 ވަނަ އަހަރު ވެގެންދާނެ ކަމުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިހާރު މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން މާލެއަތޮޅު ހިންމަފުއްޓަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ ގެދޮރުވެރިކަމަކީ މި ސަރަޙައްދަށް ވަރަށް ބޮޑުވެފައިވާ މައްސަލައެއް ކަމަށާއި އެގޮތުން ހިންމަފުށީގެ ބިން ހިއްކުމުގެ މަޝްރޫއެއް ހިންގިފައިވީ ނަމަވެސް އެ ބިމުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމުގައި ގެދޮރުވެރިކަމަކީ މުހިންމު ކަމެއްކަމަށެވެ.

އެ މަނިކުފާނުގެ ވާހަކަފުޅުގައި އަންނަ އަހަރު ސަރުކާރުން އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަމުގެ މަޝްރޫއުތައް ހިންގުމަށް ކަމަށާއި އެއާއެކު ދެން އެންމެ އިސްކަމެއް ދެއްވާނީ ތަޢުލީމީ ދާއިރާއާއި ސިއްހީ ހާލަތު ރަނގަޅުކުރުމަށް ކަމުގައި ވިދާޅުވިއެވެ. ހިންމަފުށީގައިވެސް މި ދެ ދާއިރާއިން ކުރަން ހުރި ކަންކަން ހުރިކަމުގައި އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން ސްކޫލްގެ ބައެއް ކަންކަން ކުރުމާއި ސިއްހީ ހިދުމަތުގައި، އިތުރުކޮށް ފުޅާކުރަން ހުރި ބައެއް ކަންކަން ޕީ.އެސް.އައި.ޕީ. ގެ ނިއު ޕޮލިސީ އިނިޝިއޭޓިވްގައި، އަލަށް ފަށާ މަޝްރޫއުތަކުގެ ތެރޭގައި ހިމެނިގެން އަންނަ އަހަރުގެތެރޭގައި ހިނގާނެ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، ގިނަ ރަށްތަކެއްގެ މަގުތައް ވަނީ ހަލާކުވެފައިވާކަން ފާހަގަކުރައްވައި، މަގު ހެދުމަށް ސަރުކާރުން ތަރުތީބުކޮށްފައިވަނީ އެންމެ ފުރަތަަމަ ފެނާއި ނަރުދަމާ އަޅައި، އެއަށްފަހު މަގުތައް ހެދުމަށް ކަމުގައި ވިދާޅުވިއެވެ. އަދި ފެނާއި ނަރުދަމާ އަޅާފައިވާ ރަށްތަކުގައި އިސްކަންދެއްވާނީ މަގުތައް ހެދުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި ބަޔާންކުރައްވާފައިވާ ގޮތަށް، ގިނަ ރަށްތަކުގައި މައިމަގުތައް ހެދުމަށް އަންނަ އަހަރު އިސްކަންދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން އިގްތިސާދީ ގޮތުން ކުރިއަށްގެންދަން ރައްޔިތުން އެދޭ ކަންކަމުގެތެރެއިން ލޯކަލް ޓޫރިޒަމް، މަސްވެރިކަން، އަދި ދަނޑުވެރިކަން ފަދަ، މިހެން ހުރި އެކި ސިނާއަތްތަކުގެ ތެރެއިން ކުރެވޭނެ ކަންކަން ކައުންސިލާއި މަޝްވަރާކޮށްގެން އަންނަ އަހަރު ފައްޓަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ހިންމަފުށީގެ ތަރައްގީއަށްޓަކައި ވަރަށް ސަމާލުކަންދީގެން އަންނަ އަހަރުގެ ތެރޭގައި، ރައްޔިތުންނަށް މުހިންމު ކަންކަމުގައި ޢަމަލީ ސިފަ ޖައްސަވައިދެއްވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.