English Edition
Dhivehi Edition
އަތުލައިގަތް ޑޮލަރުތައް ފޮޓޯ: އިމިގްރޭޝަން

ވަޢުދުވެވަޑައިގެންފައިވާ ގޮތަށް ޑޮލަރުގެ ދަތިކަން ނައްތާލުމުގެ މަސައްކަތްތައް ކުރިއަށްދާނޭކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

ކ. ހުރާގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވިދާޅުވީ، ޑޮލަރުގެ ތާށިކަމަކީ ވާރުތަވެފައިވާ އިގްތިސާދީ މައްސަލައެއްކަމަށެވެ. އަދި ރާއްޖޭގެ އިގްތިސާދަށް ވަންނަ ފައިސާގެ ތެރެއިން ބައިކުޅަ ބައެއް ރާއްޖޭގެ ބޭންކުން މާރުކުރަން ޖެހޭގޮތަށް އެކަށައެޅުއްވީ ރައްޔިތުންގެ ހައްގުގައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން އެކަމާ ގުޅޭ ގާނޫނު ތައާރަފުކުރުމުގެ ބިލު، މަރުކަޒީ ބޭންކުގެ ފަރާތުން އެކުލަވާލައްވައި މަޖިލީހަށް ހުށަހަޅުއްވާފައިވާކަމުގައި ރައީސް ވިދާޅުވިއެވެ. އަދި އެ ބިލު ހުށަހަޅުއްވާފައިވަނީ، އެމަނިކުފާނު ކުރިންވެސް ވިދާޅުވިގޮތަށް، ބަދަލެއް ނުގެނެސްކަމުގައި ރައީސް ވިދާޅުވިއެވެ.

އަދި ރައްޔިތުންގެ މަޖިލީސް، މި ދައުރުގެ ޗުއްޓީއަށް ދިއުމުގެ ކުރިން އެ ބިލު ފާސްކުރައްވާނޭކަމުގެ އުންމީދު ފާޅުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ބިލު ފާސްވުމަކީ، ރައްޔިތުންގެ ފުދުންތެރިކަން އިތުރުކޮށްދީ މުއްސަނދިކަން ގެނެސްދޭނޭ ކަމެއްކަން ފާހަގަކުރައްވާފައެވެ.

މިއަދު ސަރުކާރުން މަޖިލީހަށް ހުށަހެޅުއްވި ބިލުގެ ބޭނުމަކީ، ދިވެހިރާއްޖޭގައި ބޭރު ފައިސާއިން ކުރެވޭނޭ މުޢާމަލާތްތައް ކަނޑައަޅައި، ބޭރު ފައިސާ ދިވެހިރާއްޖެއަށް އެތެރެކުރުމާއި، ދިވެހިރާއްޖެއިން ބޭރުކުރުމާއި، ބޭރު ފައިސާ ދިވެހިރާއްޖޭގައި ގެންގުޅުމާއި، ޖަމާކުރުމާއި، މާރުކުރުމާބެހޭ އުޞޫލުތަކާއި، އެނޫންވެސް ބޭރު ފައިސާ އާއި ބޭރު ފައިސާއާ ބެހޭ މުޢާމަލާތްތަކާ ގުޅޭ ހަމަތަކާއި އުޞޫލުތައް، ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަނޑައަޅައި ހިންގުމެވެ.