English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ހުރާ ބަނދަރު ނިންމަވައިދެއްވާނީ ރައްޔިތުން އެދޭ ގޮތަށް ކަމުގައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މާލެއަތޮޅުގެ ރަށްރަށަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހުރައަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އެންމެ އިސްކަން ދެއްވާނީ ގެދޮރުވެރިކަން ނުވަތަ ބޯހިޔާވަހިކަމަށް ކަމަށާއި އޭގެ އިތުރަށް ދެން އިސްކަންދެއްވާނެ ކަމަކީ ތައުލީމީ ދާއިރާއަށް ކަމަށާއި އަދި ހަމަ ތައުލީމީ ދާއިރާއެކޭ އެއްވަރަށް ސިއްހީ ދާއިރާއަށްވެސް އިސްކަންދެއްވާނެކަމުއެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި، ހުރާ ސްކޫލަށް ބޭނުންވާ މަލްޓިޕަރޕަސް ހޯލު، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވައިގެން، އަޅުއްވައިދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ސިއްހީ ދާއިރާއިން ހުރާ ރައްޔިތުން އެދޭ ކަންކަމުގެ ތެރެއިން، ސިއްހީ މަރުކަޒު ތަރައްގީކޮށް، ސްކޭން ކުރުމާއި އިތުރު ވަސީލަތްތައް ގާއިމުކޮށް ފުރިހަމަކޮށްދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

ދާއިރާގެ މަޖިލިސް މެންބަރާއި ކައުންސިލާއި ގުޅިވަޑައިގެން، ރަށުގައި އޭ.ޓީ.އެމް. މެޝިން ބެހެއްޓުމުގެ އަމަލީ މަސައްކަތް ފެށުމާއި ހިސާބަށް ގެންދަވާފައިވާކަމަށާއި ހަމަ އެގޮތަށް އެހެން ކަންކަންވެސް ގެންދަވާނެކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ. ޖުމްލަ ގޮތެއްގައި ތަރައްގީގެ މަޝްރޫއުތައް ކުރިއަށްގެންދަވާނީ ރަށްރަށުގެ ރައްޔިތުން އެދިވަޑައިގަންނަވާ ގޮތަށް ކަމަށާއި ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުމަށް އިސްކަންދެއްވައިގެން، މިއަންނަ 2025 އަދި 2026 ވަނަ އަހަރަކީ އެގޮތަށް ކަންކަން ތަރުތީބުކުރައްވައިގެން ކުރިއަށް ގެންދަވާނެ ދެ އަހަރުކަން، އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މިއަންނަ އަހަރު ގިނަ މަޝްރޫޢުތައް ފެށޭނެ ކަމަށާއި، އަންނަ އަހަރު ނުފެށޭ މަޝްރޫއުތައް ޖެހިގެން އަންނަ 2026 ވަނަ އަހަރު ފެށޭނެ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން މި ދެ އަހަރު ވެގެންދާނީ އިންތިޚާބުގައި ވެވަޑައިގެންފައިހުރި ވަޢުދުތައް، ޢަމަލީގޮތުން ފުދިގެންދާނެ ދެ އަހަރަށް ކަމުގައި ރައީސް ވިދާޅުވިއެވެ.