English Edition
Dhivehi Edition
ފޮޓޯ: ރައީސް އޮފީސް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެކައުންޓް ހުޅުވާފައި ހުރި މަސްވެރިންނަށް މާދަމައިން ފެށިގެން 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ފަށާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާނުކުރައްވައިފިއެވެ.

މިއަދު ހެނދުނު ކ. ގާފަރަށް ވަޑައިން އެ ރަށު ރައްޔިތުންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، މަސްވެރިކަމުގެ ސިނާއަތަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރިއަރުވަން މަސައްކަތް ކުރަމުންދާ ސިނާއަތެއް ކަމަށެވެ. މިހާތަނަށް ތެލުގެ ސަބްސިޑީ ހިމަނައިގެން އޮޑިވެރިންނަށް 100 މިލިއަނެއްހާ ފައިސާ ދައްކާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިހާތަނަށް މަސްވެރިންނަށް ނުދެވި ހުރި 38 މިލިއަން ރުފިޔާ ވެސް މިއަދު ޖަމާކޮށްފައިވާއިރު އެއީ މިދިޔަ ދެ ހަފުތާ ތެރޭގައި ދޭންޖެހިފައި ހުރި ފައިސާއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ ބީއެމްއެލްގައި އެކައުންޓް ހުޅުވާފައިވާ މަސް ދޯނިތަކުން މަސް ކިރާތާ 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރަން ބީއެމްއެލާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މަސްވެރިންނަށް 48 ގަޑިއިރު ތެރޭ ފައިސާ ދޫކުރަނީ ފިނޭންސް މިނިސްޓްރީއާއި މިފްކޯއާއި ބީއެމްއެލާ އެކު ހެދި އެއްބަސްވުމެއްގެ ތެރެއިންނެވެ. އެ ކަމަށްޓަކައި ރައީސް ވަނީ ބީއެމްއެލަށް ޝުކުރު އަދާކުރައްވައިފައެވެ. އިތުރަށް ރައީސް ވިދާޅުވީ އިސްލާމިކް ބޭންކް (އެމްއައިބީ)ގައި އެކައުންޓް ހުޅުވާފައި ހުރި މަސް ދޯނިތަކަށް 48 ގަޑިއިރު ތެރޭ އަދި ފައިސާ ޖަމައެއް ނުވާނެކަމަށާއި އެ ދޯނިތަކަށް ވެސް 48 ގަޑިއިރު ތެރޭ ފައިސާ ޖަމާކުރެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
މާދަމައިން ފެށިގެން މާލެ އަތޮޅު ހިންމަފުށިންނާއި އައްޑޫ ސިޓީ ހުޅުމީދޫގެ އިތުރުން ކޫއްޑޫއާއި ފެލިވަރުން މަސްވެރިންނަށް އެސްޓީއޯ ރޭޓުގައި ތެޔޮ ގަންނަން ލިބޭނެކަންވެސް ރައީސް ވަނީ އިއުލާނުކުރައްވާފައެވެ.