English Edition
Dhivehi Edition

ޔޫކޭގެ މަޝްހޫރު އޮންލައިން ނޫހެއް ކަމަށްވާ ޑެއިލީމެއިލްގައި އައްޑޫސިޓީގެ އީކުއޭޓަރ ވިލެޖާއި އައްޑޫއަށް ތައުރީފްކޮށް ފަތުރުވެރިއަކު ލިޔުމެއް ޝާއިއުކޮށްފިއެވެ.

ރާއްޖޭގެ އެންމެ ދެކުނުގައި ގަން އިންޓަނޭޝަނަލް އެއާޕޯޓާ އިންވެގެން އޮންނަ އީކުއޭޓަރ ވިލެޖަކީ އަތްފޯރާފަށުގައި ހެޔޮ އަގެއްގައި އާއިލާ ގޮވައިގެން ޗުއްޓީ ހަދާލަން އަންނަން އެންމެ ރަނގަޅު ތަން ކަމުގައި އޭނާގެ ލިޔުމުގައި ވަނީ ހާމަކޮށްފައެވެ.

ރާއްޖޭގެ ރީތިކަން ދެކިލުމަށް ޝައުގުވެރިވާ ގިނަ ފަތުރުވެރިންތަކެއް ދުނިޔޭގެ ކަންކޮޅުގައި ތިބި ނަމަވެސް ކުރަންޖެހޭ ޚަރަދުގެ ބޮޑުކަމުން ރާއްޖެ ނާދެވިފައިތިބި މީހުން ލައްކައިން ގުނާލެވޭނެއެވެ. އީކުއޭޓަރ ވިލެޖުގައި އުފާވެރި ޗުއްޓީއެއް އާއިލާއާއި އެކު ހޭދަކޮށްލުމަށްފަހު ލިޔުންތެރިޔާ ބުނެފައިވަނީ ރާއްޖޭގެ ރީތިކަން ދެކިލަން ދާކަށް ބޮޑު މުއްސަންޖަކަށް ވާކަށް މިހާރު ނުޖެހޭނެ ކަމަށެވެ. ވެރިރަށް މާލެ ގޮސް އަދި ސީޕްލޭނަށް ކުރަންޖެހޭ ޚަރަދު ނުކޮށްވެސް ރާއްޖޭގައި އުފާވެރި ޗުއްޓީއެއް ހޭދަކޮށްލެވެން އެބައޮތް ކަމަށެވެ. އަދި އެހެން ރިސޯޓުތަކުން ވެސް ލިބެން ހުރި ޚިދުމަތް ތަކާއެކު އިންޓަނޭޝަނަލް އެއާޕޯޓަކާ ގުޅިފައި އޮތް އީކުއޭޓަރ ވިލެޖުގައި ތިބެވޭނެ ފުރުސަތު މިހާރު ފަހިވެފައިވާ ކަމަށެވެ. ސްރީލަންކަން އެއާލައިނުން ސީދާ ގަމަށް އާދެވޭއިރު ޖީބަށް ލުއިވެފައި ލިބޭ ހިތްހަމަޖެހުން ބޮޑުކަމަށެވެ. ހިތް ހެޔޮ ސްޓާފުންތަކެއްގެ ތެރޭގައި ހިތްގައިމު ވެއްޓެއްގައި ހިތްހަމަޖެހިގެން ހުސްފައިގައި ހުދު ދޮންވެލި ގޮނޑުދޮށުގައި ދުވަސްތައް ހޭދަކުރެވެން އެބައޮތް ކަމަށެވެ.

“މިއީ އާއިލާގޮވައިގެން ޗުއްޓީ ހަދާލަން އަންނަން އެންމެ ހިތްގައިމު މަންޒިލް”

އޭނާގެ ލިޔުމުގައި ހާމަކޮށްފައިވާ ގޮތުގައި އީކުއޭޓަރ ވިލެޖުގައި ހޭދަކުރި ދުވަސްކޮޅު ފޭދޫގެ ހިތްހެޔޮ އަންހެނަކު އެމީހުންނަށް ރަށުތެރެ ބަލައިލުމަށް ހިލޭ ބައިސްކަލް ވެސް ދިންކަމަށް އޮތެވެ. އަދި އެމީހާގެ ގެއަށް ގެންގޮސް ދިވެހި ކެއުން ރަހަބަލާލުމުގެ ފުރުސަތު އޭނާގެ އާއިލާއަށް ދިން ކަމަށް ބުނެފައިއޮތެވެ. މިކަންކަން އޭނާ ސިފަކޮށްފައިވަނީ އައްޑޫގެ މީހުންނަކީ މެހްމާންދާރީއާއި ހިތްހެޔޮކަމުގެ ނަމޫނާ ބައެއްގެ ގޮތުގައެވެ.

“އުފާވެރި ޗުއްޓީއަކާއެކު އައްޑޫއާއި ގަމާއި އެތަނުގެ ހިސްޓްރީއާއި އައްޑޫގެ ކަލްޗަރ ވަރަށް ބޮޑަށް ދަސްވެއްޖެ މި ދަތުރުން” ގައި އެޑަމްސް ނަމަކަށް ކިޔާ މި މީހާ ހާމަކޮށްފައިވެއެވެ.

އައްޑޫގެ އީކުއޭޓަރ ވިލެޖްގައި ނިމިގެންދިޔަ 2017 ވަނަ އަހަރު ބޭއްވި ސަޓާ އެވޯޑާއެކު ދުނިޔޭގެ ގިނަ ބަޔަކަށް އައްޑޫ ވަނީ ތައާރަފްވެފައެވެ. އެވޯޑުގެ ހުރިހާކަމެއް އިންތިޒާމުކުރި ހައިރައިޒުން މިވަނީ ދުނިޔޭގެ ފަތުރުވެރިންނަށް އައްޑޫގައި ފަތުރުވެރިކަމުގެ ދޮރޯއްޓެއް ހުޅުވާލަދީފައެވެ. އޭގެ ސަބަބުން އައްޑޫއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އަންނަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ.