English Edition
Dhivehi Edition
ފޮޓޯ/އެމްއެންޑީއެފް

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތް ސްރީ ލަންކާ މަސް ބޯޓަކުން 468.6 ކިލޯގެ މަސްތުވާތަކެތި ފެނިއްޖެއެވެ. މި ބޯޓު އަތުލައިގެންފައިވަނީ ރޭގެ ވަގުތެއްގައި އެމްއެންޑީއެފުންނެވެ. ބޯޓު އަތުލައިގަތުމަށްފަހު ރޭ ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސްފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.

އިސްކަންދަރު ކޮށީގައި މިހާރު ކުރިއަށްގެންދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވީ، ހދ. މަކުނުދޫގެ ބޭރުން ލަންކާ މަސް ބޯޓެއް ކަމަށް ބެލެވޭ ބޯޓެއް ހުއްޓުވާ ކޯސްޓް ގާޑުގެ ބެލުމުގެ ދަށުން ހދ. ކުޅުދުއްފުށި ބަނދަރަށް ގެންދިޔަ ކަމަށް ރޭ ދަންވަރު 12:45 ހާއިރު އެމްއެންޑީއެފް އިން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ. އެ ބޯޓު ހުއްޓުވައި ކުޅުދުއްފުށި ބަނދަރަށް ގެންދިއުމުން ކުޅުދުއްފުށީ ސިޓީގެ ފުލުހުންނާއި އެމްއެންޑީއެފް ކޯސްޓު ގާޑުން އާދީއްތަ ދުވަހުގެ ހެނދުނު ބޯޓު ބަލައި ފާސްކޮށްފައިވާކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ ވިދާޅުވީ ބޯޓު ބަލައި ފާސްކުރިއިރު 468.6 ކިލޯ ނުވަތަ ބައި ޓަނުގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ. އަދި އޭގެތެރޭގައި 344 ކިލޯ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ހިމެނޭކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ ލަންކާގެ “އަށެންޕުތަ” ނަމަކަށް ކިޔާ އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފަށް ލިބުނު މައުލޫމާތަކާ ގުޅިގެން ޓްރެކް ކުރަމުން ގޮސްކަމަށެވެ. އަދި މިއީ އެކި އިދާރާތައް ގުޅިގެން ހިންގުނު ކާމިޔާބު އޮޕަރޭޝަނެއް ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

“މިއީ މި ސަރަަހައްދުގައި މިގޮތަށް މޫވް ކުރާ ޝައްކު އުފެދޭ އުޅަނދުތަކުގެ މައުލޫމާތު އެކި ގޮތްގޮތުން އަޅުގަނޑުމެންނަށް ލިބޭ، ހަމަ އެގޮތުން އެމްއެންޑީއެފްއަށް ލިބުނު މައުލޫމާތެއްގެ ތެރެއިން ވެސަލްއެއް މިއީ،”. އޭނާ ވިދާޅުވިއެވެ.

ޝުޖާއު ވިދާޅުވީ، މިއީ ރާއްޖެއަށް އެތެރެވާ މަސްތުވާތަކެތި ހުއްޓުވުމަށްޓަކައި އެކި އެޖެންސީތައް ގުޅިގެން ކުރެވުނު މަސައްކަތްތަކުގެ ތެރެއިން ކާމިޔާބު މަސައްކަތެއް ގޮތުގައި ފާހަގަކުރާ ކަަމަށެވެ.

މި ބޯޓުގައި ތިބީ 5 ފަޅުވެރިން ކަމަށާއި އެ އެންމެންނަކީވެސް ސްރީލަންކާގެ ފިރިހެނުންކަމަށްވެސް ކޮމިޝަނަރ ވިދާޅުވިއެވެ.