English Edition
Dhivehi Edition

/ހަތަރުވަނަ ބާބު: ގޮވާން ދަނޑުމަތި

ގަމުގެ ގޮވާން ދަނޑުމަތި އޮތީ ރަށު ހުޅަނގު މަތީކޮޅު މީހުން އުޅުނު ދެ އަވަށުގެ އައްސޭރިން ފެށިގެން އުތުރު ދެކުނު ބިތުގެ ބީވާއިން އަޅާފައި އިރުމައްޗަށް ގޮސް ރަށުގެ އިރުމަތީކޮޅު ރުއްދަނޑާއި ޖެހެން ދެނެވެ.

މި ދަނޑުމަތި އޮތީ ތިން ބަޔަށެވެ. އެއީ އިރުވާ މޫސުމް ގޮވާން ކުރާ ދަނޑުމައްޗާއި ހުޅަނގު މޫސުމުގެ ދަނޑުމައްޗާއި ދެ މޫސުމުގައި ވެސް ގޮވާން ކުރާ ދަނޑުމައްޗާއެވެ.

އިރުވާ މޫސުމުގެ ދަނޑުމައްޗަކީ:

  • އޯކެޅުވަލު ދަނޑުމަތި، 2 ކަށިގަނޑުވަލު ދަނޑުމަތި، 3 ރަށްތިރެވަލު ދަނޑުމަތި މިއެވެ.

ހުޅަނގު މޫސުމުގެ ދަނޑުމައްޗަކީ:

  • އެތެރެވަލު ދަނޑުމަތި، 2- ވެއުކަދިގެދޮށު ދަނޑުމަތި 3- ވޭރަގަމު ވަލުއިރުމަތީ ދަނޑުމަތި 4 ކިޅިއެބިއްދޮރު ދަނޑުމަތި މިއެވެ.

ދެ މޫސުމުގެ ދަނޑުމައްޗަކީ:

  • މާގަލިމާތެ ދަނޑުމަތި 2 އަންހެނުންމަގު ދަނޑުމަތި 3 ދެވައު ދޭތެރޭ ދަނޑުމަތި 4 ހިނަވަލު ދަނޑުމަތި 5 ވޭރެގަމުވަލި ހުޅަގުމަތީގެ ދަނޑުމަތި މިއެވެ.

މި ވޭރެގަމު ވަލަކީ ގަމު ހުކުރުމިސްކިތުގެ ވަގުފު ތަނެކެވެ. އަދި މަޝްހޫރު ގަމުގެ އުސްތުބު ހުރީވެސް މި ވޭރަގަމު ވަލުގައެވެ. އެ އުސްތުބު އެއީ ކޮންޒަމާނެއްގެ ކޮންބަޔަކު ކޮށްފާ ހުރި މަސައްކަތެއް ކަމެއް ނޭނގެއެވެ.

އަދި އެއުސްތުބުގެ ހުރި ފަލަމިނާއި އުސްމިނެއް ފޫޓެއް އިންޗިއަކުން ދަންނަވާކަށް ވެސް ނޭނގެއެވެ. އެނގޭވަރަކީ އެ އުސްތުނބުގެ މައްޗަށް އަރާ އުޅުނު އެތައްބަޔަކު މިހާރުވެސް އެބަތިބިކަމެވެ. އެމީހުން ބުނެ އުޅެނީ އެ އުސްތުނބު މައްޗަށް އަރައި އޭގެ މަތީގައި ހުރެ އާދައިގެ ކަނދުގަހަކަށް އަރައި ބެލީމާ ހުޅުމީދޫ އުތުރުބޭރުންނާއި ހިތަދޫގެ ހުޅަނގު ބޭރުން ކަނޑު ފެންނަކަމަށެވެ. މި އުސްތުނބުގެ އަސަރު ވެސް ނެތި ބިމާއި އެއްވަރުކޮށް ނިންމާލީ އެންމެފަހުން ކުޅަ ބޮޑު ހަގުރާމައިގެ ދުވަސްވަރު ގަމުގައި އިނގިރޭސިން ތިބިތިބުމުގައެވެ.

ގަން ވަލުގައި އެންމެގިނައިން ކުރަމުންދިޔަ ގޮވާމަކީ އަލަ، ކައްޓިލަ، ޒުވާރިއެވެ. އެހެންކަމުން އެންމެ ގިނަބަސްތާ ތައް ނެެރެމުން ބޭރުކުރަމުން ދިޔައީވެސް މި ތިން ބާވަތުންނެވެ. އެ ގޮވާން ދަޑުމައްޗާއި އަލަ ކައްޓިލަގެ ތާރީފުގައި ވާހަކަ ދެއްކުން ކުރުކުރީއެވެ.

އަދި އެތިން ބާވަތުގެ އިތުރަށް ކެޔޮ، ފަޅޯ، ކަރާ، ބަރަބޯ،ދޮނަޅަ، ބިންބި، ކުދިބަތް، ހިމެނިގެންވިއެވެ. އަދި ހިތްތަލައަކީ މާ ބޮޑު މަސައްކަތަކާއި ނުލައި މުޅި ރަށު ގޮވާން ދަނޑުމަތީގައްޔާއި ބީވާތަކުގެ ތެރޭގައި އަމިއްލަ ކަހަލަ ގޮތަކަށް ހެދިފައި ހުންނަ އެއްޗެކެވެ. އެހެންކަމުން އެއިގެ ބޭނުން ކުރުން އޮންނަނީވެސް ސަބީލިއްލަ ކަހަލަ ގޮތަކަށެވެ. އަދި ދިވެހިރާއްޖޭގައި ވެރަލީ ޒަމާނުގައި އެންމެ ގިނައިން ވެރަލީ އެއްރަށަކީވެސް އައްޑޫ ގަމެވެ.

މިއިން ކޮންމެ ގޮވާމެއްވެސް އެ އެއްޗެއް ހެދޭ ބިމެއްގައި އެއިގެ މޫސުމްތަކުގައި ހެދެމުން އެއިގެ ފައިދާތައް ދައްކަމުން ދިޔައީ ރާއްޖޭގެ އެހެން އެއްވެސް ރަށެއްގައި ނުހެދޭފަދަ މިންވަރަކަށެވެ. އާދޭހެވެ. އާދޭހެވެ. ރަށަކީ ފައިދާހުރި މުއްސަނދި ފަސްގަނޑެއްގެ ވެރިރަށެކެވެ. އެދުވަސްވަރު ގަމު މީހުންނަކީ ގޮވާން ކުރުމުގައި ހީވާގި މުރާލި ބަޔެކެވެ. ޖޯޝާއި ފޯރިއާއެކު ގޮވާން ކުރަމުންދިޔައ ހިތްވަރުގަދަ މީހުންނެވެ. ގޮވާމުގެ ތަޖުރިބާތަކާއި ހުނަރުތައް ދަނެގަނެ އެ މަސައްކަތުގެ މައްޗަށް ފަސްޖެހުމެއް ހުއްޓުމެއް ނެތި ގޮވާން ކުރަމުން ދިޔަ އަންހެނުންނާއި ފިރިހެނުންނެވެ. ދަނޑުހެއްދުމުގެ ހުނަރުތަކާއި އުކުޅުތައް ދަންނަ ފިރިހެނުންނާއި އަންހެނުންނެވެ. އެކަކު އަނެކަކަށް އެއްބަޔަކު އަނެއް ބަޔަކަށް ވާދަކުރުމާއި އެކު ގޮވާން ކުރަމުން ދިޔަ ހިއްމަތްތެރި ދިވެހި ދަނޑުވެރިންނެވެ. އެހެންކަމުން އެމީހުންގެ ގަދަ ހިތްވަރާއި މިންނަތުން، ކާބޯތަކެތީގެ ދަތިކަން ރާއްޖެއަށް ލިބެމުން ދިޔަކޮންމެ ފަހަރަކުވެސް އަތޮޅު ހިފަހައްޓަނީ އެރަށުން ކަމަށްވާތީ މައީޝާގެ އަސާސެއް ކަމުގައި ގަން އޮންނަނީ ވެފައެވެ.

އަދި ކީއްތޯއެވެ. 1956 މ. ވަނަ އަހަރުން ފެށިގެން ތިރީސް އަހަރަށް ދިވެހި ދައުލަތުން ގަން އިނގިރޭސި ދައުލަތަށް ހިލޭ ހަދިޔާއެއްގެ ގޮތުން ދެއްވި ދެއްވުމާއި ވިދިގެން ވޭތުވެދިޔަ ނަވާރަ އަހަރުގެ ތެރޭ ގަމުގެ ފައިދާއާއި ތަނަވަސް ކަން ދިޔައީ އިހުނަށް ވުރެ ވެސް ބޮޑުވެގެންނެވެ. އާދެ! ބޭސް ފަރުވާއާއިއެކު ދިރިއުޅުމަށް ބޭނުންވާ ހުރިހާ ތަކެއްޗަކުންނެވެ. މިހާރު އެ އެހީ ކުޑަވެފައި އޮތް ކަމުގައި ވިޔަސް މާތް ﷲ ގެ ފަޟުލުވަންތަވެރިކަމުން ގަމުގެ ފައިދާއާއި ދީލަތި އެހީ އަތޮޅާއި އެކު މުޅި ރާއްޖެއަށް އަދި އޮއްސަވާށިއެވެ. އާމީން

-ނުނިމޭ-

ނޯޓް: މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.