ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެންބަރަކު ޕާޓީއަކާއި ގުޅިއްޖެނަމަ މަޖިލީހުގެ މެންބަރުކަން ގެއްލޭގޮތަށް ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިސްލާހު ބާތިލުކުރުމަށް ސުޕްރީމް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.
މި އިސްލާހާއި ގުޅިގެން ގާނޫނީ ދާއިރާގެ ބޭފުޅުންނާއި އިދިކޮޅު ސިޔާސީ ފިކުރުތަކަށް ނިސްބަތްވާ ބޭފުޅުން ކަންބޮޑުވުން ފާޅުކުރަމުން އަންނަނިކޮށް އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު، ގާނޫނީ ވަކީލު އަލީ ހުސައިނެވެ.
އާދިއްތަ ދުވަހު އެ މައްސަލަ ކޯޓަށް ހުށަހެޅުއްވި ކަން ހާމަކުރައްވާފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަލީ ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ސުޕްރީމް ކޯޓަށް ހުށަހެޅުއްވި އެ މައްސަލައިގައި ބުނެެފައިވަނީ، “ގާނޫނު ނަންބަރު 25/2024 (ގާނޫނުއަސާސީއަށް 6 ވަނަ އިސްލާހު ގެނައުމުގެ ގާނޫނު) އިން ގާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް އިސްލާހު ގެނެސްފައިވަނީ ގާނޫނުއަސާސީގެ 4 ވަނަ މާއްދާގެ ދަށުން ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ދިވެހިރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސާއި، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތީން ދިވެހި ދައުލަތުގެއެންމެހައި ބާރުތައް ހިންގަންވާނޭކަމަށް ގާނޫނުއަސާސީގެ 8 ވަނަ މާއްދާގައި އޮންނަ އަސާސާއި، ގާނޫނު ހެދުމުގެ އެންމެހައި ބާރެއް ލިބިގެންވާ ވަކި މިނިވަން ބާރެއްގެ ގޮތުގައި ރައްޔިތުންގެ މަޖިލިސް ދެމިއޮތުމަށް ގާނޫނުއަސާސީގެ 5 ވަނަ މާއްދާއިން ކަނޑައަޅާފައި އޮތް ދުސްތޫރީ ހަމައާއި، ގާނޫނުއަސާސީގެ 26 ވަނަ މާއްދާއާއި، ގާނޫނުއަސާސީގެ 75 ވަނަ މާއްދާއާއި، 90 ވަނަ މާއްދާއާ ފުށުއަރާގޮތަށް،” ކަމަށެވެ.
ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ ބުދަ ދުވަހެވެ. ހަމަ އެ ދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ވެސް ކުރައްވައިފައެވެ.