ސީރިއާގެ ވެރިރަށް ދިމިޝްކުގެ ރަށްބޭރުން އޮންނަ އިރުމަތީ ގޫޓާގައި ހަރަކާތްތެރިވާ ހަނގުރާމަވެރިންނާ ދެކޮޅަށް ސީރިއާ ސަރުކާރުން އެއްދުވަސް ތެރޭ ދިން ވައިގެ ހަމަލާތަކުގައި އާންމުންގެ 17 މީހަކު މަރުވެއްޖެއެވެ.
މީހުން ސަލަމާތްކުރުމުގައި ހަރަކާތްތެރިވާ ގުރޫޕެއް ކަމައްވާ ވައިޓް ހެލްމެޓް އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި މަރުވި މީހުންގެ ތެރޭގައި 4 ކުޑަކުދިންވެސް ހިމެނެއެވެ. އަދި އެ ހަމަލާތަކުގެ ސަބަބުން 40 މީހުންނަށް އަނިޔާ ވެފައިވާ ކަމަށް އެ ގުރޫޕުން ބުނެއެވެ.
ޚަބަރުތައް ބުނާގޮތުން ރަޝިއާގެ އެހީތެރިކަމާއެކު ސިރިއާ ސަރުކާރުން އެ ސަރަހައްދަށް ހަމަލާ ދޭތާ މިހާރުވަނީ 9 ދުވަސް ވެފައެވެ.
އެ ހަމަލާއާ ބެހޭގޮތުން ސީރިއަން އޮބްޒާވަޓަރީ ފޯރ ހިއުމަން ރައިޓްސް އިން ވެސް ވަނީ 17 މީހުން މަރުވެފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. އެފަރާތުން ބުނެފައިވާ ގޮތުގައި ހަމަލާތައް އަމާޒުވެފައިވަނީ މީހުން ދިރިއުޅޭ ސަރަހައްދު ތަކަށް ކަމަށެވެ. އެ ޖަމާއަތުން އިތުރަށް ބުނެފައިވާ ގޮތުގައި މީގެ ދުވަސް ތަކެއް ކުރިން ހަނގުރާމަވެރިން ވަނީ އެ ސަރަހައްދުގައިހުރި ސީރިއާގެ ހަމައެކަނި އަސްކަރީ ބޭސް ހިޞާރު ކޮށްފައެވެ.
އިރުމަތީ ގޫޓާ އަކީ ރަޝިޔާ އިސްވެއޮވެ ސީރިއާ ސަރުކާރާއި ހަނގުރާމަވެރިންނާ ދެމެދުހެދި ހަމަލާ ބަދަލު ކުރުން ހުއްޓާލާ ސަރަހައްދު ތަކުގެ ތެރޭގައި ހިމެނުނު ސަރަހައްދެކެވެ. ނަމަވެސް ފާއިތުވި ދުވަސް ތަކުގެ ތެރޭގައިވަނީ އެދެފަރާތުގައި ހަމަނުޖެހުން އިތުރުވެ ހަމަލާ ބަދަލު ކުރަން އަނެއްކާ ވެސް ފަށައިފައެވެ.